އަވަށްޓެރި ސްރީލަންކާގެ ކޮލަމްބޯގައި ޖެނެރަލް ސޭލްސް އެޖެންޓްގެ ޚިދުމަތްދޭނެ ބަޔަކު ހޯދުމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން އިއުލާނުކޮށްފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ބުނީ އެ ކުންފުނިން ބޭނުންވަނީ ދެ އަހަރު ދުވަހުގެ މުއްދަަތަށް ކޮލަމްބޯގައި ޖެނެރަލް ސޭލްސް އެޖެންޓްގެ ޚިދުމަތްދޭނެ ބަޔަކު ހޯދުމަށް ކަމަށެވެ.
މި ޚިދުމަތް ދޭން އެދި ހުށަހަޅާ ކުންފުންޏެއްގެ ހުންނަންޖެހޭ ޝަރުތުތަކުގެތެރޭގައި އޭވިއޭޝަން/ޓްރެވަލް ޓްރޭޑް ދާއިރާއިން އަހަރަކު ދެ މިލިއަން ޑޮލަރު ނުވަތަ އެއާ އެއްވަރުގެ އާމްދަނީއެއް ލިބޭ ފަރާތަކަށްވުން ހިމެނެއެވެ.
މީގެއިތުރުން ފަސެންޖާ އަދި ކާގޯ ސޭލްސްގެ ދާއިރާއިން މަދުވެގެން 3 އަހަރުގެ ތަޖުރިބާ ހުރުމާއި ކޮންމެވެސް އެއް މޭޖާ އެއާލައިނެއްގެ ޖެނެރަލް ސޭލްސް އެޖެންޓަކަށްވުން ހިމެނެއެވެ.
އެހެންކަމުން ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން 2 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ހުށަހަޅަންޖެހޭނެއެވެ. އައިލެންޑް އޭވިއޭޝަނުން ގެޒެޓް ކުރި އިއުލާނުގައި މިކަމާގުޅޭ އިތުރު މައުލޫމާތުތައް ހިމަނައިފައެވެ.

