ތަމްރީނު ޕްރޮގްރާމްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމާއި އަންހެނުން ބާރުވެރިކުރުވުމަށް، “ނެޝަނަލް ކޮންޕިޓެންސީ ސްޓޭންޑާޑްސް”އަށް ގެނައުން މުހިއްމު ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ނެޝަނަލް ކޮންޕިޓެންސީ ސްޓޭންޑާޑްސްއަކީ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރާ ދަރިވަރުންގެ ކިބާގައި، އެ ދަރިވަރަކު ތަމްރީނުވި ދާއިރާގައި މަސައްކަތްކުރުމަށް އެކަށީގެންވާ ހުނަރާއި ގާބިލުކަން ހުރިކަން ކަށަވަރުކޮށް، ފެންވަރު ބަލައި ވަޒަންކުރުމުގައި އިސްކަންދޭންޖެހޭ ކަންތައްތަކެކެވެ.
އިއްޔެ ކުރިިއަށްގެންދިޔަ މަޝްވަރާތަކުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓްއާއި މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓުގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެެވެ.
މި ބައްދަލުވުމުގައި، ނެޝެނަލް އެޕްރެންޓެސްޝިޕް ޕްރޮގްރާމްތަކާއި ނެޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން މެދުވެރިކޮށް ރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ ޒުވާނުން ތަމްރީނުކުރުމާއި، “ނެޝަނަލް ކޮންޕިޓެންސީ ސްޓޭންޑާޑްސް”އަށް ގެނައުން މުހިއްމު ބަދަލުތައް ގެނައުމާއި، އަންހެންނުންގެ ތަރައްގީއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތު ފަހިކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި “އެންމެނަށް ވަޒީފާ” ސިޔާސަތެއް ކަނޑައަޅުއްވައި އެ ސިޔާސަތަށް އަމަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
މިކަންކަން ތަންފީޒު ކުރުމަށްޓަކައި އެ މިނިސްޓްރީން ގިނަގުނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ މިނިސްޓްރީގެ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން މިހާރު ނޭޝަނަލް އެޕްރެންޓެސްޝިޕް ޕްރޮގްރާމް ވެސް ފަށާފައިވާ ކަމަށް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

