ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ. މި ދެ ގެ ވިއްކާލަން ނިންމީ އެ ބޭންކުން ނަގާފައިވާ ދެ ލޯނަކަށް ފައިސާ ނުދެއްކުމުގެ ސަބަބުންނެވެ.
ބީއެމްއެލްއިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ވިއްކާލަން ނިންމާފައިވަނީ ސަންފްރަންޓް ލައިޓްޝޮޕްގެ ގޯޅިތެރޭގައި ހުންނަ މ. ނާއިންފަރުއާގެ އާއި ބިސްބުރު ކައިރީގައި ހުންނަ މ. ބީޗްކޯނާއެވެ. މި ދެ ގެ ވިއްކާލާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ.
ބޭންކުން ހާމަކުރި މަޢުލޫމާތުގެ މަތިން، 792 އަކަފޫޓުގެ ނާއިންފަރުއާގެ ނީލަމުގައި ވިއްކާލުމުގެ ފެށޭ އަގަކީ 13 މިލިއަން ރުފިޔާއެވެ. މި ގެ ގަތުމަށް ނީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.
927.33 އަކަފޫޓުގެ ބީޗްކޯނާގެ ވިއްކާލުމުގެ ނީލަން ފެށޭ އެންމެ ދަށް އަގަކީ 23.8 މިލިއަން ރުފިޔާއެވެ. މި ގެ ގަތުމަށް އަގު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.
ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ، އެންމެ ބޮޑު އަގެއް ހުށަހެޅި ކަމަށް ބަލާނީ ހުށަހަޅާ އެންމެ މަތީ އަގަށް ބަދަލެއް ނައިސް، ފަސް ދުވަސް ވަންދެން އޮތުމުންނެވެ. އަދި މުއްދަތު ހަމަވާ ތާރީޚާ ހަމައަށް އަގު ހުށަހަޅާ މީހުންގެ ތެރެއިން، އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި މީހުންގެ ހާޒިރުގައި ނީލަން ހުޅުވައި، އެންމެ މަތީ އަގު އިޢުލާން ކުރެވޭނެ ކަމަށްވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

