އިސްރާއީލުން ކުރަމުންދާ "ޓެރަރިޒަމްގެ އަމަލުތަކަށް" ޖަވާބުދާރީ ކުރުވުމަށް ބައިނަލް އަގުވާމީ މުޖުތަމައުއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިފަދައިން ގޮވާލެއްވީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި އދ. ގެ ޤަރާރުތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި މި ޢަމަލުތަކަށް އިސްރާއީލުން ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
"އިސްރާއީލުން މި ޓެރަރިޒަމްގެ ޢަމަލުތަކަށް، ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޤަރާރުތަކާ ޚިލާފުވުމަށް ޖަވާބުދާރީ ކުރުވަންޖެހޭ،" ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
އިސްރާއީލުން ނޫސްވެރިން މަރާލަމުން ދަނީ ޣައްޒާގައި ހިނގަމުންދާ ޖަރީމާތައް ރައީސް ޑރ މުޢިއްޒު ފާހަގަކުރެއްވީ ދުނިޔެއަށް އެނގުނަ ނުދިނުމަށް ކުރާ "އަނިޔާވެރި މަސައްކަތެއް" ގެ ގޮތުގައެވެ. މިކަމަކީ ބަންދުކުރެވިފައިވާ ސަރަޙައްދުގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތައް ފޮރުވުމަށް ކުރާ މަސައްކަތެއް ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައެޅުމަކީ ފަލަސްތީނުގެ ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.
ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި 41,400 އަށްވުރެ ގިނަ ފަލަސްޠީނީން މަރުވެފައިވާއިރު، 95,700 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މި ހަނގުރާމައިގެ ސަބަބުން ސަރަޙައްދުގައި ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އިތުރުވެފައިވާ ކަމަށް ރައީސް ޑރ މުޢިއްޒު ފާހަގަކުރެއްވިއެވެ.

