ކުޅުދުށްފުށި ސިޓީގެ ފިހާރަައަކަށް ސައްހަ ނޫން ޑޮލަރު ވިއްކި މީހަކު ޖޫރިމަނާކޮށްފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގައި ކުޅުދުށްފުށި ސިޓީގެ އެޑްމޭން ފިހާރައަށް ސައްހަ ނޫން 100 ޔޫއެސް ޑޮލަރު ވިއްކި މައްސަލާގައި ޖޫރިމަނާކުރީ އެ ރަށު ނައިޓްސެވަން، ނަސްރުލްއަމީން އާދަމްއެވެ.
ކުޅުދުށްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު އާންމުކޮށްފައިވާ ހުކުމުގައި ބުނެފައިވާ ގޮތުން، މި މައްސަލާގައި ނަސްރުލްއަމީންގެ މައްޗަށް ދައުލަތުން އުފުލި މަކަރާއި ހީލަތުގެ ކުށުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.
އެހެންވެ މި މައްސަލަ ކުރިއަށްގެންދިޔައީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި ނަސްރުލްއަމީން ވި އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަން އަވަސް ނިޔާގެ ޝަރީއަތުގައި ވެސް ކަށަވަރުވެފައިވާތީ، އޭނާގެ މައްޗަށް ކުރި ދައުވާއަކީ ސައްހަ އަދި ފުރިހަމަ އިއުތިރާފުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ މައްސަލައެއްކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ކުށަށް ކަނޑައެޅޭ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި ނަސްރުލްއަމީން ދައުވާއަށް އިއުތިރާފުވެފައިވާތީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްކުރެވޭނެ ކަމަށާއި އޭނާގެ މައްޗަށް ކަނޑައެޅޭ އަސްލު އަދަބު އެހެން އަދަބަކަށް ބަދަލުކުރުމާމެދު އިއުތިރާޒެއް ނެތް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އެގޮތުން އޭނާ އެދުނީ ޖޫރިމަނާގެ އަދަބަކަށެވެ. އެހެންވެ ޝަރީއަތުން ވަނީ އޭނާގެ މައްޗަށް ކަނޑައެޅުނު އަސްލު އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް 21,600 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި މި ފައިސާ 4 މަސް ދުވަހުގެތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.

