މަގުމަތިން ފެނިއްޖެނަމަ، ”ކޮށާލާނެ” ކަމަށް ބުނެ ފުލުހަކަށް މަރުގެ އިންޒާރުދިން މީހަކު ޖަލަށްލުމަށް އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް އިއްވައިފިއެވެ.
މި މައްސަލައަކީ 7 އޮކްޓޫބަރު 2020 ގައި ފޭދޫ ފިރިހެނަކު އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ހުއްޓާ ޕޮލިސް ސްޓޭޝަނުގައި އެވަގުތު ހުރި ޕޮލިސް ކޮންސްޓަބަލް މުޙައްމަދު އާއިޝް ސަޢީދާ ދިމާއަށް މަގުމަތިން ފެނިއްޖެނަމަ ”ކޮށާލާނެ” ކަމަށާއި ”މަރާލާނެ” ކަމަށް ބުނެ ބިރުދައްކައި އިންޒާރުދިން މައްސަލައެކެވެ.
މި މައްސަލާގައި ފޭދޫ ފިރިހެން މީހާގެ މައްޗަށް ދައުލަތުން އުފުލީ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުންދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލާގައި ދައުވާއަށް ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
މި މައްސަލާގައި ދައުލަތުން ޝަފަހީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ދެ ހެކިންނެވެ. އެއީ ފުލުހުންގެ ދެ އޮފިސަރުންނެވެ. ދިފާއީ ހެކި ހުށަހަޅަން ދިން ފުރުސަތުގައި ދައުވާ ލިބޭ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
ހުށަހެޅުނު ހެކިތަކަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމީ މި ދައުވާ ސާބިތުވާ ކަމަށެވެ. އެހެންވެ އޭނާގެ މައްޗަށް އިއްވީ 5 މަހާއި 23 ދުވަހުގެ ޖަލު ހުކުމެކެވެ.

