މިދިޔަ 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 53 މެގަވޮޓުން، 68 މެގަވޮޓަށް އިތުރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ސަރުކާރުން މަގުޗާޓެއް އެކުލަވާލާފައިވާކަމަށާއި، އޭގެތެރޭގައި އަވިންނާއި ވައިން ކަރަންޓް އުފެއްދުމުގެ އިތުރުން، އެހެނިހެން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އިންވެސްޓްކުރުން ހިމެނޭކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް ތެލަށް ކުރި ޚަރަދު 65 މިލިއަން ޑޮލަރަށް އަރާކަމަށާއި، ކޮންމެ އަހަރަކު ޖީޑީޕީގެ 10 އިންސައްތަ ހަރަދުކުރަންޖެހެނީ ތެލަށްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ކުނިން ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އައްޑޫގައި ކުނިން ހަކަތަ އުފައްދާ ނިޒާމްތައް ޤާއިމްކޮށްފައިވާއިރު، ތިލަފުށީގައި އެ ނިޒާމް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދަތުރުފަތުރުގެ ނިޒާމަކީވެސް އިއާދަކުރަނިވި ހަކަތައިން އޮޕަރޭޓްކުރާ ނިޒާމަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށާއި، މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ ހަކަތައިގެ 35 އިންސައްތައަކީވެސް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަކީ ފައިދާ ބޮޑު ވިޔަފާރިއެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި އިންވެސްޓްކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ދައުވަތުދެއްވާފައެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުން އޮތީ މާ ދުރުގައި ނޫންކަމަށާއި، ނަމަވެސް އެކަމަށް ބޭރުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަކީ މުހިންމު ކަމެކެވެ. މިކަމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވާފައެވެ.

