މި އަހަރު ރިޕޯޓްކޮށްފައިވާ ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ 2.2 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަދަދަކީ މި އަހަރުގެ ފުރަތަމަ އަށް މަހުގައި ރިޕޯޓުކޮށްފައިވާ ސްކޭމް މައްސަލަތަކާ ގުޅޭ ފައިސާ ކަމަށެވެ.
ރާއްޖޭގައި އެކި ނަންނަމުގައި އެކި ގޮތްގޮތަށް އަންނަނީ ސްކޭމްތައް ހިންގަމުންނެވެ. އެގޮތުން ކުންފުނިތަކާއި އިދާރާތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައި ސްކޭމްތައް ހިންގާފައިވެއެވެ.
މީގެއިތުރުން އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި ވެސް މިފަދަ އަމަލުތައް ހިންގާފައިވެއެވެ.
ޝިފާން ވިދާޅުވީ އަދިވެސް ގިނަ ބަޔަކު ސްކޭމަރުންގެ ސްކީމްތަކަށް ހެއްލޭ ކަމީ ދެރަކަމެއް ކަމަށެވެ.
ސްކޭމްތައް ހުއްޓުވުމަށްޓަކައި ފުލުހުންގެ ޚިދުމަތުގައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިއީ ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ކަމެކެވެ.

