ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރުކުރި މައްސަލާގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ޝަހީމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލައިގައި ޠައްޔިބު އެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހާޒިރުކުރީ ކޮން ދުވަހަކު ކަމެއް ހާމައެއް ނުކުރެއެވެ.
މި މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 12 ވަނަ ދުވަހު ވަނީ ޠައްޔިބު ފޯނާއި އިލެކްޓްރޯނިކްސް ބައެއް ތަކެތި ހިފަހައްޓާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ހިފެހެއްޓި ތަކެތީގެ ތެރޭގައި ފޯނުގެ އިތުރުން ލެޕްޓޮޕަކާއި ހާޑް ޑްރައިވްއަކާއި ފަސް ޕެންޑްރައިވް ހިމެނެއެވެ.
ސައްހަ ނޫން ބަޔާނެއް ދައުރުކުރި މައްސަލާގައި ޠައްޔިބުގެ ފޯނާއި އިލެކްޓްރޯނިކްސް ބައެއް ތަކެތި ހިފަހައްޓައި އޭނާ ފުލުހަށް ހާޒިރުކުރި ނަމަވެސް އެއީ ސީދާ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން އަދި ނުބުނެއެވެ.
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާގުޅޭ ގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓުކަމަށް ބުނެ ދާދިފަހުން ސޯޝަލް މީޑިއާގައި ވަނީ ރިޕޯޓެއް ދައުރުވެފައެވެ. އެ ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެންނާއި، ފުލުހުންގެ ބައެއް އިސް ވެރިންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ ސައްހަ ނޫން ރިޕޯޓެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރިޕޯޓު އުފައްދައި ދައުރުކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ޠައްޔިބަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ޒައާމަތުގައި ވެސް ހައްޔަރުކޮށް ޖަލަށްލާފައިވާ މީހެކެވެ. އޭރު ވެސް އޭނާގެ ފޯނާއި އިލެކްޓްރޯނިކްސް ސާމާނު ހިފެހެއްޓިއެވެ.

