ހުޅުމާލޭގައި ހަދަމުންދާ ކެޓް ޝެލްޓަރ އަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ހުޅުމާލެ ފޭސް 2 ގައި ޤާއިމް ކުރެވެމުންދާ ކެޓްޝެލްޓަރ އަށް ބޭނުންވާ އިކުއިޕްމެންޓްސްއާއި މެޓީރިއަލްސް ހޯދުމަށް ރެޕިޑް އިންޖިނިއަރިންގ އާ ހަވާލުކުރީ 210,036.61 އަށް ކަމަށެވެ.
އެނިމަލް ވެލްފެއަރ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގައި ކެޓް ޝެލްޓަރ ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މާޗުމަހުގައެވެ.
ކެޓް ޝެލްޓަރ ހަދަނީ 5000 އަކަފޫޓުގެ ބިމެއްގައެވެ. މި ފެސިލިޓީ އިމާރަތްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ހަމައަށް ގޮސްފައެވެ.
މި ފެސިލިޓީ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ދެވަނަ ފިޔަވަހީގައި ޕެޓް ކްލިނިކެއް ގާއިމުކޮށް، ބުޅަލުގެ އިތުރުން އޮޅުކޮށްގެން ގެންގުޅޭ އެހެން ދިރޭ ތަކެއްޗަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

