މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދިޔަ ބޭސިކް ފަޔަރ ފައިޓަރ ކޯހުގެ 29 ވަނަ ބެޗު ނިންމާލައިފިއެވެ.
ބޭސިކް ފަޔަރ ފައިޓަރ ކޯހުގެ 29 ވަނަ ބެޗު ކުރިއަށް ގެންދިޔައީ 12 ބައިވެރިންނާއެކު 43 ދުވަހުގެ މުއްދަތަކަށެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަނުން ފާސްކޮށްފައިވާ ބޭސިކް ފަޔަރ ފައިޓަރ ކޯހަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި އެއާޕޯޓު ވަށައިގެންވާ ސަރަހައްދުގެ އިތުރަށް މަތިންދާބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ކުއްލި ހާލަތްތަކަށް ރައްދު ދިނުމަށް ފަޔަރ ފައިޓަރުން ތަމްރީނުކުރާ ކޯހެކެވެ.
މިއީ އެމްއޭސީއެލްގެ އިން ހައުސް ޓްރެއިނާސް ބޭނުންކޮށްގެން މި ކޯސް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. މިކަމުން ހާމަކޮށްދެނީ ކުންފުނީގެ އިން ހައުސް ޓްރެއިނާސްގެ ގާބިލުކަން އިތުރުވެފައިވާ މިންވަރާއި ރާއްޖޭގެ ޓެކްނިކަލް ދާއިރާތަކުގައި މީހުން ބިނާކުރުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތުކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
ކޯސް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ލަމްޢާން ވިދާޅުވީ މި ކޯސް ފުރިހަމަކަމާއެކު ނިމުމުން އެނގިގެންދަނީ އެމްއޭސީއެލްގެ އިން ހައުސް ޓްރެއިނިންގެ ނިޒާމުގެ ހަރުދަނާކަން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ފޯރުކޮށްދިނުމަށް ކުންފުނީގެ މެނޭޖްމަންޓުން މަސައްކަތް ކުރާ ކަމަށް ވެސް ޑީއެމްޑީ ވިދާޅުވިއެވެ.
އެމްއޭސީއެލްގެ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓުން ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އިތުރުން މަސައްކަތްތެރިކަމުގެ ދާއިރާއިން ގިނަ ތަމްރީނުތަކެއް ފޯރުކޮށްދެއެވެ. އެ ކުންފުނިން މިއަހަރުގެ ޖޫންމަހު ވަނީ ޒަމާނީ ޓެކްނޮލޮޖީތަކުން ތައްޔާރުކޮށްފައިވާ އައު ފަޔަރ ސްޓޭޝަންތަކެއް އިފުތިތާހުކޮށް، ކުއްލި ހާލަތުގައި އަވަސް ރައްދު ދިނުމުގެ ގާބިލުކަން އިތުރުކޮށްފައެވެ.
އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ވެލާނާ އެއާޕޯޓުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކޮށް، ފަސިންޖަރުންނަށް ޒަމާނީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

