މިއަދު ރާއްޖޭގެ ސްކޫލުތަކުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، 96000 އަށް ވުރެ ގިނަ ދަރިވަރުންގެ ޗުއްޓީ ފެށިއްޖެއެވެ. މިއަދު ހުރިހާ ދަރިވަރުންނާވެސް ވަނީ ރިޕޯޓު ފޮތް ހަވާލުކޮށްފައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިޑް ޓާމް ޗުއްޓީ ނިމި ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ. މިގޮތުން ދަރިވަރުންނަށް 10 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
މި ދިރާސީ އަހަރުގައި ޖުމްލަ 96000 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާމުންދާއިރު، މީގެ ތެރޭގައި 40,300 އެއްހާ އަންހެން ދަރިވަރުންނާއި 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެއެވެ. އަދި 26000 އެއްހާ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދަނީ މާލޭގެ ސްކޫލްތަކުގައެވެ.
ސަރުކާރުގެ 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދެމުންދާއިރު، 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދެމުންދެއެވެ. އަދި 6 ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދެއެވެ.
ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދެވަނަ ޓާރމް ނިމި ބޮޑު ޗުއްޓީއާ ދަރިވަރުން ބައްދަލުކުރާނީ 2025 ވަނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އަންނަ އަހަރުގެ ބޮޑު ޗުއްޓީ ދިމާވަނީ ރަމަޟާން މަހާއެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން ކުރިންވެސް އޮންނަ ގޮތަށް ޖެނުއަރީ މަހަށް ބަދަލުކުރުމަށެވެ. މިގޮތުން ތަޢުލީމީ ވުޒާރާއިން މިހާރު އެކެޑެމިކް ކަލަންޑަރ އެކުލަވާލާފައިވާގޮތުން ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހަށް ބަދަލުކުރެވޭނީ 2026 ވަނަ އަހަރުއެވެ.

