ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މީހާއަށް ހަރުކަށި ފިޔަވަޅު އެޅުމަށް މާލޭ ސިޓީ ކައުންސިލާއި ޕީއެންސީއިން ވަނީ ގޮވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރާނަފުޅަށް ނުރައްކާވާނެ ކަމަށް ބުނެ 25 ސެޕްޓެމްބަރ 2024 ވަނަ ދުވަހު ދެވުނު އިންޒާރާމެދު ފުން ކަންބޮޑުވުން ފާޅުކޮށް، އެ ޢަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ.
މިފފަދަ ޢަމަލުތަކަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ އަނިޔާވެރި، ރަޙުމްކުޑަ އަދި ނުހަނު ދަށުދަރަޖައިގެ ފިނޑި ޢަމަލެއްކަމަށް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިއީ މުޖުތަމަޢުގައި ބިރުވެރިކަމާއި ނާމާންކަން އުފެއްދުމަށް ހިންގޭ ޓެރަރިޒަމްގެ ޢަމަލެއްކަމުގައި ކައުންސިލުން ދެކޭކަމަށް ވިދާޅުވެފައިވެއެވެ.
އެހެންކަމުން، މި އިންޒާރު ދިން ފަރާތް ވީ އެންމެ އަވަހަކަށް ހޯދައި، އެ ފަރާތާމެދު ޤާނޫނީ ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށާއި، މިފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ކައުންސިލުން ގޮވާލައްވާފައިވެއެވެ. އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މާލެ ސިޓީ ކައުންސިލުން ގޮވާލައްވާފައިވެއެވެ.
ސަރުކާރުގެ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މި މައްސަލައާ ގުޅިގެން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ގެއްލުން ލިބޭނެ ޢަމަލެއް ހިންގާނެ ކަމަށް ބުނެ ދެވުނު އިންޒާރު އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
“ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ގެއްލުން ލިބޭނެ ޢަމަލެއް ހިންގާނެ ކަމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މީހަކު ބުނެފައިވާތީ، މި މައްސަލައަކީ ދައުލަތުގެ ތަޙުޤީޤީ އިދާރާތަކުން އިސްކަންދީގެން ބަލަންޖެހޭ މައްސަލައެއް ކަމުގައި ވެސް މި ޕާޓީން ދެކެމެވެ.”
އެހެންކަމުން، މިއީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެކަށީގެންވާ ހަލުވިމިނެއްގައި ތަޙުޤީޤެއް ހިންގުމަށް ތަޙުޤީޤީ އިދާރާތަކަށް ޕީއެންސީއިން ގޮވާލައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް މި އިންޒާރު ދީފައިވަނީ އދ.ގެ ޢާންމު މަޖިލީހުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ރައީސް އޮފީހުގެ ފޭސްބުކް ޕޭޖުން ލައިވްކޮށްފައިވަނިކޮށް، އެ ލައިވްއަށް މީހަކު ކުރި ކޮމެންޓެއްގައެވެ. އެ ކޮމެންޓުގައި ރައީސް “މަރާލާނެ” ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ. ފުލުހުންގެ ތަޙުޤީޤު ފެށިފައިވާ ކަން އިޢުލާނުކުރެއްވުމާއެކު، އެ ފަރާތުން ވަނީ ފުލުހުންނަށް މަލާމާތްކޮށް، އޭނާ ހައްޔަރުކުރެވޭނެ ނަމަ އެކަން ކުރުމަށް ގޮވާލައި ފޭސްބުކް ޕޯސްޓެއް ޝާއިޢުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. ނަމަވެސް، މިހާތަނަށް އެ ފަރާތް ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ހުވަދޫމީޑިޔާ އަށް އެނގިފައިވާ ގޮތުގައި މި ޕޯސްޓު ހިއްސާކޮށްފައިވާ، ރައީސަށް މަރުގެ އިންޒާރު ދިން މީހާއަކީ މާލެސިޓީއަށް ނިސްބަތްވާ ފަރާތެކެވެ، އަދި އެމީހާއަކީ މަސްތުވާތަކެތީގެ ދުވަސްވީ ރެކޯޑެއް އޮތުމުގެ އިތުރަށް މަސްތުވާތަކެތި ބޭނުން ކުރާ ފަރާތެކެވެ.

