މަސްވެރިނަނަށް ދޭން ޖެހޭ ފައިސާގެ ޕެންޑިންގ ބިލްތައް އަންނަ ހަފްތާއިންފެށިގެންދީ ހަލާސްކުރަން ނިންމާފައިވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ މިމަހުގެ ކުރީކޮޅުން ފެށިގެން މަސްއޮޑިފަހަރުގެ ޕެންޑިންގ ބިލްތަކާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އެ ކުންފުންޏާއި ދެމެދު މަޝްވަރާކޮށްގެން ވަނީ މިވަގުތަށް ހައްލުތަކެއް ހޯދިފަކަމަށެވެ. އަދި ސަރުކާރުން ދަނީ ކެނޑިނޭޅި މިފްކޯއަށް ދޭންޖެހޭ ސަޕޯޓު ފޯރުކޮށްދެމުން ކަމަށްވެސް ވިދާޅުވިއެވެ. މިގޮތުން މިވީހާ ދުވަހަށް ޖުމްލަ 17 މިލިއަން ރުފިޔާ މަސްވެރިންނަށް ދޭން ޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިފްކޯއަށް މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުގެ އަމާޒަކީ އެ ފައިސާ އަންނަ ހަފްތާގެ ނިޔަލަށް އެއްކޮށް ދައްކާ ހަލާސްކުރުން ކަމަށާއި، އަދި މިކަމުގެ އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ވާހަކަ މިނިސްޓްރީން މިއަދު ފާހަގަ ކޮށްފައިވާއިރު، މިނިސްޓަރު ޝިޔާމް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގއ. ދާންދޫ އަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބޮޑު ބައެއް އެބަހުރި ކަމަށާއި، އެ ފައިސާ ދީ ހަލާސް ކުރުމަށްވެސް ވަނީ އެދިލައްވާފައެވެ.

