އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިރޭ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އދ.ގެ 75 ވަނަ ސެޝަންގެ އެންމެ ފަހު ދަންފަޅި ކުރިއަށް ދާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ. ރިޔާސަތާ މިނިސްޓަރު ޝާހިދު ހަވާލުވެވަޑައިގަތުމަށްފަހު ތަގްރީރު ކުރައްވާނެއެވެ.
- ކޮވިޑް19 އިން އަރައިގަތުން
- ކޮވިޑަށް ފަހު ދެމެެހެއްޓެނިވި ގޮތުގައި ދުނިޔެ ބިނާކުރުން
- ދުނިޔޭގެ ގުދުރަތީ މާހައުލުތަކަށް އިޖާބަ ދިނުން
- އެންމެންގެ ހައްގުތަކަށް ކަމޭހިތުން
- އދ.ގެ ހިންގުން ވަރުގަދަކުރުން
މިނިސްޓާރ ޝާހިދު ވަނީ 35 އަށްވުރެ ގިނަ ޤައުމަކުން އދ.ށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފައިވަނީ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. އެ އިންތިހާބުގައި މިނިސްޓަރ ޝާހިދުއާ ވާދަ ކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލްއެވެ. މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

