ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެކަމަށް ބުނެ ދިން އިންޒާރަކީ މުޅި ގައުމަށް ދިން ބިރުވެރި އިންޒާރެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.
ރައީސް ޑރ.މުޢިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ، ރޭ އިންޒާރު ދިނީ ”Ablor Myad Yosef” ގެ ނަމުގައި ސޯޝަލްމީޑިއާގައި ހަދާފައިވާ އެކައުންޓަކުންނެވެ.
މި އިންޒާރު ކުށްވެރިކޮށް ޖޭޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ނިރުބަވެރި އަދި އެހާމެ ނުރައްކާތެރި އިންޒާރެއް ގައުމުގެ ވަލިއްޔުލްއަމުރަށް ދިނުމަކީ ގައުމުގެ އަމާންކަން ނަގާލައި، ގައުމުގައި އޮތް ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ނެތިކޮށްލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެންދާފަދަ ނާތަހުޒީބީ އަދި އެހާމެ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.
ރައީސްގެ ފުރާނަފުޅު ނެތިކޮށްލާނެ ކަމަށް ބުނެ ދީފައިވާ މި ނިރުބަވެރި އިންޒާރަކީ ހަމައެކަނި އެމަނިކުފާނަށް ދިން އިންޒާރެއް ނޫން ކަމަށާއި އެއީ މުޅި ދިވެހި ގައުމަށް ދިން ބިރުވެރި އިންޒާރެއް ކަމަށް ވެސް ޖޭޕީއިން ބުންޏެވެ.
ޖޭޕީގެ ބަޔާނުގައި ވަނީ މި ނުރައްކާތެރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގުކޮށް، އެ އަމަލު ހިންގި ފަރާތާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަވަސްކޮށް އެޅުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ގޮވައިލާފައެވެ.
މި މައްސަލާގައި މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

