ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ޔުނިވާސިޓީތަކުގައި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ސުލްހަވެރިކަމާއެކު މުޒާހަރާކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައްވައިފިއެވެ. މިކަން އެމަނިކުފާނު ފާހަގަކުރެއްވީ އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގައި ދެއްވި ތަޤުރީރެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިއަދު ދުނިޔެ ދެކެމުންދަނީ ކަޅު ދުވަސްތަކެއް ކަމަށާއި، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި އިންސާނީ ޙައްޤުތަކަށް ފައިން އަރައި، ކުޑަކުދިންނާއި އާންމުންނަށްވެސް އަމާޒުކޮށް ހިންގަމުންދާ އަނިޔާވެރިކަން މިހާރު ވަނީ އާންމު ކަމަކަށް ވެފައި ކަމަށެވެ.
“ސުލްހަވެރިކަމާއެކު މުޖުތަމަޢުއަށް ފައިދާވާނެ ގޮތަށް ޒިންމާދާރުކަމާއެކު މުޒާހަރާކުރުމަށް ޔުނިވާސިޓީތަކުން އިޙްތިރާމް ކުރަންޖެހޭނެ،” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒުގެ މި ގޮވާލެއްވުން އައިސްފައިވަނީ އެމެރިކާގެ ޔުނިވާސިޓީތަކުގައި ޣައްޒާގެ ހަނގުރާމައާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ހުރަސްއަޅަމުންދާ ދަނޑިވަޅެއްގައެވެ. މި މުޒާހަރާތަކުގައި ބައިވެރިވި ބައެއް ދަރިވަރުންނަށް ގްރެޖުއޭޓްވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކުރެވިފައެވެ.
ރައީސް ޑރ މުއިއްޒު އިތުރަށް ވިދާޅުވީ އެމެރިކާގެ އިންސްޓިޓިއުޝަންތަކުން ހަމަހަމަކަމާއި އިންސާނީ ޙައްޤުތައް ނަގަހައްޓަން ޖެހޭނެ ކަމަށާއި، ޔުނިވާސިޓީތަކުގައި ރަނގަޅަށް ޚިޔާލު ފާޅުކުރެވެން ޖެހޭނެ ކަމަށެވެ.
މި ތަޤުރީރުގައި ރައީސް ޑރ މުއިއްޒު، ޣައްޒާގެ ހާލަތަށް އަލިއަޅުވާލައްވައި، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޔުނިވާސިޓީތަކުގެ ދައުރު އަދާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސުލްހަވެރި މުޒާހަރާތަކަކީ ޑިމޮކްރަސީގެ މުހިންމު ބައެއްކަން ހާމަކުރެއްވިއެވެ.

