ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓުތައް ކޮންމެހެން ބޭނުންވާ ކަމަށާއި، އެފަދަ އިންވެސްޓްމަންޓުތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕްރިންސްޓަން ޔުނިވަސިޓީގައި މިރޭ ދެއްވި ތަޤުރީރެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ނޮވެމްބަރު 17، 2023 ގައި ގައި ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، މޫސުމީ ބަދަލުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމާއި، ބައިނަލްއަޤުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުމާއި، ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) އަތްފޯރާފަށުގައި އެހީ ހޯދުމަށް ވަކާލާތު ކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އާމްދަނީގެ ދޮރުތައް ފުޅާކުރުމަށް ރޭވިފައިވާ ކަމަށާއި، ބޭރުގެ އިންވެސްޓަރުންނަށް ޝައުޤުވެރިކަން އުފެދޭނެ ފަދަ ކަންކަން ކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުން ފޮރިން އިންވެސްޓްމަންޓާ ގުޅޭ ބިލެއް ފާސްކުރުމާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮގްރާމާއި އާޓިފިޝަލް އިންޓެލިޖެންސް ތަޢާރަފުކުރުން ހިމެނެއެވެ.
އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުދި ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ލޯނުތައް ޒުވާނުންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރުމަށް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް އިތުރު މާކެޓުތައް ހޯދުމަށް މަސައްކަތްކުރާ ކަމަށާއި، މި އަހަރު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކާ ގުޅިގެން، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފްލޯޓިންގ ސޯލާ ޕެނަލްތަކާއި ކުނި މެނޭޖްކުރުމުގެ އައު ގޮތްތައް ތަޖުރިބާކުރަމުންދާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

