ރާއްޖެ އޮތް ސްޓްރެޓީޖިކް ސަރަހައްދުގެ ގޮތުން ރާއްޖެއަށް ނުފޫޒު ފޯރުވަން ބާރުތަކުން މަސައްކަތްކުރާނެކަމަށާއި، އަދި އެކަމަށް ރާއްޖެއިން އޮތީ ފުރިހަމައަށް ސަމާލުވެގެންކަމަށް ރައީސުލްޖުމްހޫރިއްޔިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ (ތާރީޚް) އެމެރިކާގެ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގެ އާތަރ ލުއިސް އޯޑިޓޯރިއަމްގައި ދެއްވި ތަޤުރީރެއްގައެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވީ ރާއްޖެ އޮތް ސަރަހައްދަކީ ބައިނަލްއަޤްވާމީ ވިޔަފާރީގައި މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެއްކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ބަލްކް ކާގޯގެ 3 ބައި ކުޅަ އެއްބަޔާއި، ދުނިޔެއަށް ބޭނުންވާ ތެލުގެ ދެބައި ކުޅަ އެއްބައި އެކި ތަންތަނަށް ފޯރުކޮށްދެނީ އިންޑިއާ ކަނޑު ހުރަސްކޮށްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
“އިންޑިއާ ކަނޑުގައި ބާރުގަދަކުރަން ބޭނުންވާ ބަޔަކު ނުފޫޒު ފޯރުވަން އެންމެ ބޮޑަށް އަޅައިގަންނަނީ ރާއްޖެއަށް. އަޅުގަނޑުމެން މިތިބީ އެކަމަށް ފުރިހަމައަށް ސަމާލުވެގެން،” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކުރުމަކީ އެންމެ މުހިއްމު ރިޔާސީ ވަޢުދަށް ހެއްދެވީވެސް މި ސަބަބުތަކާ ހުރެކަމަށެވެ.
މީގެއިތުރުން، ރާއްޖެއަކީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާކަންވެސް ރައީސް ހާމަކުރެއްވިއެވެ. ރާއްޖެއަކީ ހަރުދަނާ ޑިމޮކްރަސީއެއް އޮތް ޤައުމަކަށްވުމަކީ އެމެރިކާއާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށްވެސް މުހިއްމު ކަމެއްކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

