ސަރުކާރާއި، މުޖުތަމަޢު އަދި މުޅި ސިސްޓަމަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަދި މި މަސައްކަތް ކުރާނީ އެމެރިކާ ފަދަ ބައިވެރިންނާއެކު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގައި ތަޤުރީރުކުރައްވަމުންނެވެ.
މި ތަޤުރީރުގައި ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ޖިއޯޕޮލިޓިކަލް މުހިންމުކަމާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، އިންޑިއާ ކަނޑުގެ މެދުގައި ރާއްޖެ އޮތުމުން، ބައިނަލްއަޤްވާމީ ވިޔަފާރިއާއި ސަލާމަތަށް ރާއްޖޭގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
“ގައުމުތަކުގެ އިސްތިގުލާލަށް އިހްތިރާމްކުރުމާއި އިސްތިގްލާލީ ހަމަހަމަކަމަކީ މިއަދުގެ ބައިނަލްއަގްވާމީ ނިޒާމު ބިނާވެފައިވާ އަސާސީ އުސޫލުތައް. މި އުސޫލުތައް ސަރަހައްދީ ގޮތުން ތަންފީޒުކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަމަޖެހުން ގާއިމްކުރުމުގެ މުހިންމުކަމަކީ ރާއްޖެއިން ދެނެގަންނަ ކަމެއް،” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ތަރައްޤީއާ ގުޅޭގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި އާބަން ސެންޓަރުތަކެއް ޤާއިމުކުރެއްވުމުގެ ވާހަކައާއި، ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ވާހަކަ ދެއްކެވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެމިތިބޭނެ ކަމަށާއި، މި މަސައްކަތް ކުރާނީ ޚާއްޞަކޮށް އެމެރިކާ ފަދަ ބައިވެރިންނާއެކު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

