މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭގެ މަގުތަކަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ޕޮލިސް ކޮމާންޑުން އިއްޔެ ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުންތައް، އިތުރަށް ހަރުދަނާކަމާއެކު ތަންފީޒުކޮށް، މާލޭގެ މަގުތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުން ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން، މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކޮށް މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަން ފެށުމާއެކު، މާލެ ޕޮލިސް ކޮމާންޑުގެ ހެޑާއި، ވިންގުތަކުގެ ވެރިންނާއި، މާލެ ޕޮލިސްގައި މަސައްކަތްކުރާ އެންމެހައި އޮފިސަރުން މަގުމަތީ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީ ގޮތުން ބައިވެރިވިއެވެ.

