އަހަރެމެންގެ ވަޒީފާތަކާއި، ރައްޔިތުން އަހަރެމެންނާ ޙަވާލު ކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ، ބޮޑުވެގެންވާ އަމާނާތެކެވެ. އެހެންކަމުން އެ އަމާނާތްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް، ފަރުދުންނާއި މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަން ނުދޭ ނަމަ، އެއީ ތިމާގެ ދީނާއި ޤައުމަށް ވެވޭ ބޮޑު ޚިޔާނާތެކަން އެނގޭ ހެއްޔެވެ.
މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނައީ މި އަމާނާތައް ފަރުވާ ކުޑަކުރާ މީހުންނެވެ. މިއަދުގެ ހުކުރު ޚުތުބާ އަލިއަޅުވާލީ މިފަދަ އަމާނާތްތައް އަަދާކުރުމާއި ގުޅޭ ގޮތުންނެވެ.
ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، އަހަރެމެންގެ އީމާންކަމާ ގުޅިފައިވާ ދެ ސިފައެކެވެ. އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވާ މީހުން ކަމުގައި ވުމަކީ ފުރިހަމަ މުސްލިމުންގެ ތެރޭން ވާނެކަމެއްވެސް މެއެވެ. ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރުމަކީ ނަޒާހަތްތެރިކަން ގެއްލި، ޢަދުލުއިންޞާފާ ދުރަށް ގޮސް، އަނިޔާވެރިކަމަށް މަގުފަހިވާނެ ކަމެއްވެސް މެއެވެ.
ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެެއް ކަމަށާއި، އަދި ކޮންމެ ބެލެހެއްޓުންތެރިއަކު އޭނާ ބަލަހައްޓާން ޖެހިފައިވާ ބަޔަކާ އަދި ކަމަކާމެދު މަސްއޫލުވާން ޖެހޭނެ ކަމަށެވެ. ވެރިމީހާ އޭނާ، އޭނާގެ ރައްޔިތުންނާ މެދު މަސްއޫލުވާން ޖެހޭނެ ކަމަށެވެ. އަދި ފިރިމީހާއީ އޭނާގެ އަހުލުވެރީންގެ ބެލެހެއްޓުމާއި، މަސްއޫލުވާން ޖެހޭނެއެވެ. އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތަކާއި ދަރީންގެ ބެލެހެއްޓުމާއި ހަވާލުވާން ޖެހޭނެ ކަމަށެވެ.
މިއީ ހައްތާވެސް މަސްއޫލިއްޔަތު އަދާކުރަންޖެހޭ ކަންތައްތަކެވެ. ކޮންމެ މީހަކީ، ބެލެހެއްޓުންތެރިއެެއް ކަމަށާއި، އަދި އޭނާ ބަލަހައްޓާ ބަޔަކާ މެދު މަސްއޫލުވާން ޖެހޭނެއެވެ. އެހެންކަމުން ތިމާގެ ދީނާއި ޤައުމަށް ވެވޭ މި ބޮޑު ޚިޔާނާތުން ތިމާ އަކީ ސަލާމަތްތެރިކަން ލިބޭ މީހަކަށް ވުމަށްޓަކާއި އަމާނާތްތެރިކަން އިސްކޮށް ވާޒީފާތަކާއި ހަވާލުވެފައިވާ އެންމެހާ މަސްއޫލިއްޔާތުތަކަށް ޒިންމާ ރަނގަޅުގޮތުގައި އުފުލަން ޖެހޭނެވެސް މެއެވެ.
އެހެންކަމުން ކޮންމެ އިންސާނަކީ، އެމީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ ޢަމަލަކާ މެދު، ބުނި ކޮންމެ ބަހަކާ މެދު، މާތް اللهގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއްްކަން ދަންނަން ޖެހޭނެއެވެ.

