ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް އަންނަ ޑިސެމްބަރުމަހުގައި ބޭނުންކުރަން ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިހާރު އޮތް ހާލަތުން ކުރިއަށްގެންދިއުމަށްޓަކައި އެންމެ މުހިންމީ ވެލާނާ އެއާޕޯޓް ބޭނުންކުރަން ފެށޭވަރު ކުރުން ކަމަށާއި މަސައްކަތް ހިނގަމުންދާ ގޮތަށް ބަލާއިރު، ޑިސެމްބަރުގައި އާ ޓާމިނަލް ހުޅުވޭނެ ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމާއެކު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އާ ޓާމިނަލް ހުޅުވުމުން އާ އެއާލައިންތައް ރާއްޖެ ގެނައުމަށް ސަރުކާރުން އިސްނަގައިގެން މާކެޓިންގ ހަރަކާތްތަކެއް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މިކަމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާ ގުޅިގެން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުން މިހާރު ލިބޭ 4.5 ބިލިއަން ޑޮލަރުގެ އާމްދަނީ، 2027 ވަނަ އަހަރު އަންނަންވާއިރަށް 6 ބިލިއަން ޑޮލަރަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

