ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބު ބާއްވާ ތާރީޚު ފަސްކޮށްފިއެވެ.
މި އިންތިޚާބު ބާއްވަން ކުރިން ތާވަލުކުރީ އަންނަ އޮކްޓޫބަރު 19 ވަނަ ދުވަހަށެވެ.
ޕީއެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިޚާބު ބާއްވަން މިހާރު ނިންމާފައިވަނީ އަންނަ ނޮވެމްބަރު 9 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް ދެވިފައިވާ މުއްދަތު އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ 18:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި އިންތިޚާބުގައި މަގާމުތަކުގެ ގޮތުގައި އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ މަގާމުތަކަކީ ދާއިރާ ރައީސުންނާއި ދާއިރާ ނައިބު ރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި، އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުންނެވެ.
މި އިންތިޚާބުގައި މަގާމުތަކަށް 2095 މެންބަރުން އިންތިޚާބު ކުރާނެއެވެ.
އިންތިޚާބު ބާއްވާ ތާރީޚު ފަސްކޮށް، އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ގިނަ ފަރާތްތަކުން އެކަމަށް އެދެމުންދާތީ ކަމަށް ޕީއެންސީއިން ބުންޏެވެ.
އިންތިޚާބުގެ ތާރީޚާއި މަގާމުތަކަށް ކުރިމަތިލުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމާއެކު، އިންތިޚާބުގައި ވޯޓުލެވޭނީ އޮކްޓޫބަރު 24 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ޕާޓީ އޮފީހަށް މެމްބަރޝިޕް ފޯމު ހުށަހަޅާ ފަރާތްތަކަށް ކަމަށް ޕީއެންސީއިން ވަނީ ބުނެފައެވެ.

