ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޕްރޮފެސަރ ޑރ. މުޙައްމަދު ޔޫނުސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ. ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމު ދާއިރާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުންނާއި، ނޫ އިގުތިސާދާއި، ކަނޑުދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ތައުލީމީ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭ ކަމަށެވެ. އަދި އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން ބަންގްލަދޭޝްގައި އަގުހުރި ހޭންޑްސް އޮން އެކްސްޕީރިއެންސް ހޯދުމުގެ ގޮތުން މެޑިކަލް ދަރިވަރުންނަށް އިންޓާންޝިޕް ޕްރޮގްރާމްތަކަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައި، ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ގައުމުން ހިއްސާކުރާ ކަންބޮޑުވުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ޚާރިޖީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

