ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު، ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް ޒިޔާރަތްކުރެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ގޫގުލް އޮފީހަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހބާ ވިދާޅުވީ ގޫގުލް ޕަބްލިކް ސެކްޓަރގެ ސީއީއޯ، ކެރެން ދޭހަތް އެވެ.
ގޫގުލް އޮފީސް ބައްލަވާލެއްވުމަށްފަހު ރައީސް ވަނީ ގޫގުލްގެ ޓީމާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަނީ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި، ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގައި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ހައްލުތައް ހޯދުންފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

