އެކުވެރި ދައުލަތްތައް (އދ) ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރާވަޑައިގެންފިއެވެ.
ރައީސް ޑރ. މުޢިއްޒު ނިއުޔޯކަށް ވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހުއެވެ. 8 ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެމަނިކުފާނު ނިއުޔޯކުން ފުރާވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ.
ރައީސް ޑރ. މުޢިއްޒު، ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޔޫއެންޖީއޭ 79 ގެ ޖެނެރަލް ޑިބޭޓް، ނުވަތަ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވާފައެވެ.
އެމަނިމުފާނު ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގައި ވެސް ތަގުރީރު ކުރައްވާފައެވެ. އަދި ޔޫއެންޖީއޭ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން ރައީސް ޑރ. މުޢިއްޒު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ޔޫއެންޖީއޭ 79ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައިފައެވެ.
މީގެއިތުރުން ”ޑީންސް ލީޑަރޝިޕް ސީރީޒް”ގެ ދަށުން، ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި ތަގުރީރު ކުރެއްވިއެވެ. އަދި ނިއުޔޯކްގައި ހުންނަ ގޫގްލްގެ މައި އޮފީހަށް ވެސް ޒިޔާރަތް ކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާ ވެސް ބައްދަލުކުރައްވާފައެވެ.

