ރާއްޖޭގެ ކުޅިވަރު މަޝްރޫއުތަކަށް، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ގެ އެހީތެރިކަން ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސީޖީއެފްގެ އޭޝިއާ އަދި އޯޝޭނިއާ ރީޖަނަލް ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ ޕްރޮޖެކްޓަކަށް ސީޖީއެފްގެ އެހީދޭނެކަމުގެ އިޝާރާތެއް ސީޖީއެފްގެ ރައީސް ޖެންކިންސް ދެއްވާފައިވާ ކަމަށެވެ.
އޭޝިއާ އަދި އޯޝޭނިއާ ދެ ބައްރުގެ ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ކުޅިވަރުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާ، މި ބައްދަލުވުމަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ބައްދަލުވުމެވެ. މިއީ އޭޝިއާގައި ވެސް މި ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.
ވަޒީރު ވިދާޅުވީ ކުޅިވަރާ ގުޅުންހުރި ބައްދަލުވުންތައް ރާއްޖޭގައި ބޭއްވިގެން ދިއުމަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމައް މަގުފަހިވާނެ ކަމެއް ކަމަށެވެ. މި ބައްދަލުވުންތަކަކީ އެކި ގައުމުތަކުގެ ކުޅިވަރު ކުރިއެރުވުމަށް ޕޮލިސީ ލެވެލްގައި ގިނަ މަސައްކަތްތަކެއް ކުރެވޭ ބައްދަލުވުންތަކެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިފަދަ ކޮންމެ ފުރުސަތަކީ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ކުޅިވަރަށް ފުރުސަތުތައް މަގުފަހިވާނެކަމެއް ކަމަށެވެ.
މި ބައްދަލުވުމުގެ ހަވާސާގައި ވަޒީރު ވަނީ ސީޖީއެފްގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ އުސޫލުތަކާއި ސިޔާސަތުތައް ހިއްސާކުރައްވައިފައެވެ.

