ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ޒައާމަތުގައި ދުނިޔޭގެ މުޖުތަމައުން ވަކިވެ، ރާއްޖެ ދުނިޔެއާ އެކަހެރިކުރެއްވި ކަމުގައި އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޔާމީންގެ ކެބިނެޓުގައި މިނިސްޓަރުކަން ކުރެއްވި ޠާރިޤް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކުވެރި ދައުލަތްތައް (އދ) ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި މިނިސްޓަރު ޠާރިޤް ވިދާޅުވީ ޔާމީންގެ ޒައާމަތުގައި އދ. އަށް ވެސް ވަޑައިނުގަންނަވާ ކަމަށާއި ބައިނަލްއަގުވާމީ ބައްދަލުވުންތަކަށް އެމަނިކުފާނު އެއްވެސް ވަރަކަށް ޝައުގުވެރިކަމެއް ނުބަހައްޓަވާ ކަމަށެވެ.
އެގޮތުން 2015 ވަނަ އަހަރު ބޭއްވި އެސްޑީޖީ އާއި ޕެރިސް އެގްރީމެންޓަށް ދުނިޔޭގެ ލީޑަރުން އެއްތަނަކަށް ވަޑައިގެންނެވިއިރު ޔާމީން ނެތްކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތް ކުރެއްވުމަކީ ލީޑަރުންގެ ޒިންމާއެއް ކަމަށާއި ނަމަވެސް ރައީސް ޔާމީން ކަން ކުރެއްވީ އެއާ ޚިލާފަށް ކަމަށެވެ. ެއެގޮތުން ދުނިޔޭގެ މައިދާނުން ފަހަތަށް ޖެހި، ދުނިޔޭގެ މުޖުތަމައުން ވަކިވެ، ރާއްޖެ ދުނިޔެއާ އެކަހެރިކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ކަންކަން ފާހަގަކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނާއި، ގައުމީ މަސްލަހަތު އިސްކުރައްވައި ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސަކީ ރައީސް ޑރ. މުޢިއްޒު ކަމަށާއި އެކަމާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުނުތާ 59 އަހަރު ފުރުނު ދުވަހުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ގައުމުގެ ތަރައްގީއަށް ބޭނުންވާ މަގުތައް ކޮށޭނީ، ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް އިހުތިރާމު ލިބިފައިވާ ގައުމަކަށް ވެގެން ކަމަށާއި އެކަން ކުރެވޭނީ ބައިނަލްއަގުވާމީ މައިދާންތަކުގައި ދިވެހިންގެ އަޑު އުފުލައިގެން ކަމަށެވެ.
މިއީ އަޅުގަނޑު އދ. އަށް ޒިޔާރަތްކޮށް، އެންމެ އިސްކަންދޭނެ ކަމަކީ. ދިވެހިރާއްޖެއާ މެދު އަޅުގަނޑު ދެކޭ ތަސައްވުރު ހާމަކުރުން. ދިވެހީންގެ އަޑު، ދިވެހީންގެ ވިންދުގެ އަޑު، ދިވެހީންގެ އިހުސާސްތައް އިއްވުން. ނިއުޔޯކުގައި ހުންނަވައި ދެއްވި މެސެޖުގައި ރައީސް ވިދާޅުވެފައިވެއެވެ.
ޔާމީންގެ ވެރިކަމުގައި ރާއްޖެ ދުނިޔެއާ އެކަހެރިކުރެއްވި ކަމަށް މިނިސްޓަރު ޠާރިޤް ވިދާޅުވިއިރު، ޔާމީންގެ ވެރިކަމުގައި ވަނީ ކޮމަންވެލްތުގެ މެންބަރުކަމުން ވެސް ރާއްޖެ ވަކިކުރައްވައިފައެވެ.

