އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް ޑރ. މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. މިއީ ޑރ. މުޢިއްޒު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒު މިއަދު ވަނީ ނިއުޔޯކުން ފުރާވަޑައިގެންފައެވެ.
ރައީސްގެ ދަތުރުފުޅާ ގުޅިގެން މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި ދިވެހިންގެ އަޑު ދުނިޔެއަށް އިއްވަވައި ދެއްވާފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ކާމިޔާބު އުފެއްދުންތެރި ދަތުރުފުޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ މަސްރަހުގައި އިހުތިރާމު ލިބިފައިވާ އަދި ބައިނަލްއަގުވާމީ މަސްރަހުގައި އެކި ދާއިރާތަކުން އުފެއްދުންތެރި ދައުރެއް އަދާކުރާ، ބަސްބުނަންޖެހޭ ކަންކަމުގައި ބަސްބުނަން ކެރޭ ގައުމެއްކަން ސާބިތުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

