މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މަރުވި ޢަބްދުލްޣަނީ އިސްމާޢީލްގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނީ ގ.އެއްތެޔޮމާގޭ ޢަބްދުލްޣަނީ (42 އ) ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވީ އިއްޔެ ކަމަށެވެ.
ޢަބްދުލްޣަނީ މަރުވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ދުވަހު ހެނދުނު 6:52 ގައި ޢަބްދުލްޣަނީ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި 7:21 ގައި ޢަބްދުލްޣަނީ ނިޔާވެފައިވާކަމަށް ޑޮކްޓަރު ވަނީ ކަނޑައަޅާފައެވެ.
ޢަބްދުލްޣަނީއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
އޭނާ ނިޔާވުމާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައެވެ.
މިކަން އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އިން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

