ތިނަދޫ ސިޓީގެ މަގުތަކުގައި ހަރުކޮށްފައިވާ އަދި ހަރުކުރަމުންދާ ޓްރެފިކް ނިޝާން ބޯޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ތިނަދޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ތިނަދޫ ކައުންސިލުން އެ ސިޓީގެ މަގުތަކުގައި ޓްރެފިކް ބޯޑު ހަރުކުރަން ފެށީ މީގެ އަހަރެއް ކުރިންނެވެ. ފުލުހުންގެ ފަރާތުން ނިންމަންޖެހޭ ކަންކަން ނުނިމޭތީ، އޭރު ކައުންސިލުން ބުނީ އެއީ ރައްޔިތުން ހޭލުންތެރިކުރުމަށް ބަހައްޓާފައިވާ އެވެއަރނެސް ބޯޑުތަކެއް ކަމަށެވެ.
ތިނަދޫ ސިޓީ ކައުންސިލުން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ އެ ސިޓީގެ މަގުތައް އެކަށީގެންވާ ރަގަނޅު ފެންވަރަށް ތަރައްގީ ކުރެވެމުންދާއިރު، މަގުތައް ބޭނުންކުރާ ފަރާތްތަކުން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުމަށް އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ އެއްގަމު ދަތުރުފަތުރު ކުރުމުގެ ނިޝާންތަކުގެ ގަވާއިދުގެ ދަށުން އެ ސިޓީގެ ބައެއް މަގުތަކުގައި ޓްރެފިކް ނިޝާން ބޯޑުތައް ހަރުކުރެވިފައިވާނެ ކަމަށެވެ. އަދި އިތުރު މަގުތަކުގައި އެ ނިޝާން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
މި ބޯޑުތައް ހަރުކުރުމުގެ ބޭނުމަކީ މަގުތަކުގައި ދިމާވާ ދަތިތަކާއި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މަގުތައް ބޭނުންކުރާނޭ ގޮތް އަންގައި ދިނުމެވެ.
އެހެންކަމުން އެއްގަމު އުޅަނދުތައް ބޭނުންކުރާ ފަރާތްތަކުން ތިނަދޫ ސިޓީގެ މަގުތަކުގައި ހަރުކޮށްފައިވާ އަދި ހަރުކުރަމުންދާ ޓްރެފިކް ނިޝާން ބޯޑުތަކާ އެއްގޮތަށް 26 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށް އަންގަމެވެ. އިއުލާނުގައި ބުނެފައިވެއެވެ.
ޓްރެފިކް ނިޝާން ބޯޑުތަކާއި އެއްގޮތަށް އަމަލުކުރުމަކީ ގާނޫނީ ޒިންމާއެއްކަމަށް ވުމުން ގާނޫނާއި، ގަވާއިދާއި ޚިލާފުވާ ފަރާތްތަކާމެދު ކަމާ ގުޅުން ހުރި އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުންޏެވެ.
ތިނަދޫ ސިޓީގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ގަވާއިދަށް އަމަލުކުރޭތޯ ބެލުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނައިރު، އާންމު ރައްޔިތުން އަންނަނީ ޓްރެފިކް ބޯޑުތަކުގައިވާ ގޮތަށް އަމަލުކުރަމުންނެވެ.

