ބޮލީވުޑްގެ މަޝްހޫރު ނާގިން ތަރި މޯނީ ރޯއި އޭނާގެ 39 ވަނަ އުފަންދުވަސް ދިވެހިރާއްޖޭގައި ފާހަގަކޮށްފިިއެވެ. މި ހާއްސަ މުނާސަބަތު ފާހަގަކުރުމަށް އޭނާ ހޮވާލީ އޭނާގެ "ހުވަފެނީ މަންޒިލް" ކަމުގައިވާ ދިވެހިރާއްޖެއެވެ.
މޯނީ ރޯއި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖެއަކީ އޭނާއަށް ދުވަހަކުވެސް ފޫހިނުވާނެ، އަދި އެންމެ ޒިޔާރަތް ކުރަން ޝައުގުވެރިވާ ގައުމެވެ.
މޯނީގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ދައްކުވައިދެނީ އޭނާގެ ފިރިމީހާ ސޫރަޖް ނަމްބިއާރ އަދި މަދު އަދަދެއްގެ ރައްޓެހިންނާއެކު ދިވެހިރާއްޖޭގެ ރިސޯޓެއްގައި ހޭދަކުރަމުންދާ މުނިފޫހިފިލުވުމުގެ ވަގުތުތަކެވެ. މި ދަތުރަކީ އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ފިރިމީހާއާއި ރައްޓެހިން ރާވާފައިވާ ޚާއްޞަ ދަތުރެއް ކަމަށް ލަފާކުރެވެއެވެ.
މި ޗުއްޓީގައި މޯނީ ވަނީ ރިސޯޓުގެ ވޯޓަރ ވިލާގެ މަނަޒަރުތަކާއި، ގޮނޑުދޮށާއި މޫދުގައި ނަގާފައިވާ ގިނަ އަދަދެއްގެ ފޮޓޯތަކާއި ވީޑިއޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.
މޯނީ ރޯއި އަކީ ޗުއްޓީ ހޭދަކުރުމަށް އަބަދުވެސް ދިވެހިރާއްޖެ އިޚްތިޔާރުކުރާ ތަރިއެކެވެ. ހާއްސަކޮށް އުފަންދުވަސްތައް މޯނީ ރާއްޖެ އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން އޭނާގެ 35 ވަނަ އުފަންދުވަސްވެސް ހޭދަކޮށްފައި ވަނީ ދިވެހިރާއްޖޭގައެވެ.
ދިވެހިރާއްޖެއަކީ ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް އިހްތިޔާރު ކުރާ މަންޒިލެއް ކަން ފާހަގަކޮށްލެވެއެވެ. އަދި ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމަކީ ގިނަ ބައެއްގެ އުމުރުގެ އެއްފަހަރު ނަމަވެސް ހާސިލުކުރަން ބޭނުންވާ، އެމީހުންގެ ހުވަފެނަކަށް ވެފައިވާ ކަންވެސް ފާހަގަކޮށްލެވެއެވެ.
މޯނީ ރޯއި އަކީ ހިންދީ ޑްރާމާތަކުން ފާހަގަކޮށްލެވޭ ހުނަރުވެރި ތަރިއެކެެވެ. އޭނާގެ އެންމެ މަޝްހޫރު އެއް ރޯލަކީ "ނާގިން" ޑްރާމާގެ ހަރުފައިގެ ކެރެކްޓަރެވެ.
ޑްރާމާތަކުގެ އިތުރުން، މޯނީ ވަނީ "ގޯލްޑް"، "ލަންޑަން ކޮންފިޑެންޝިއަލް"، "ވެއްލޭ" އަދި "ހީރޯ ހިޓްލަރ އިން ލަވް" ފަދަ ސިނަމާ ފިލްމުތަކުގައިވެސް ރޯލުތައް ކުޅެފައެވެ. އޭނާގެ އެންމެ ފަހުގެ މަސައްކަތަކީ ރަންބީރު ކަޕޫރު އަދި އާލިޔާ ބަޓްއާއެކު "ބްރަހްމާސްތްރާ" ފިލްމުގައި ކުޅުނު ރޯލެވެ. މި ފިލްމަށް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ލިބިފައެވެ.

