ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ބަލިމީހުންގެ ސިއްޙީ މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި "ނޭޝަނަލް ޑިޖިޓަލް ހެލްތު އާކިޓެކްޗަރ ބްލޫޕްރިންޓް" އެކުލަވާލުމުގެ މަސައްކަތް ސިއްޙަތާބެހޭ ވުޒާރާއިން ފަށައިފިއެވެ.
މި ބްލޫޕްރިންޓަކީ ސިއްޙީ ދާއިރާގައި އެއްކުރެވޭ މަޢުލޫމާތުތަކުގެ ތެރެއިން ޢާންމު ރައްޔިތުންގެ މަޢުލޫމާތު އެ ފަރުދަކަށް ފެންނާނެހެން، ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ މަގުޗާޓެކެވެ. ސިއްޙަތާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ނިޒާމު ޤާއިމުކުރެވުމުން، ކޮންމެ ފަރުދަކަށްވެސް އެމީހެއްގެ ސިއްޙީ ޙާލަތު ބައްޓަންކުރުމަށް ބާރުވެރިކަން ލިބޭގޮތަށް، މުޅި ސިއްޙީ ނިޒާމުގައި ހުރި އެމީހެއްގެ ހުރިހާ ހެލްތު ރިކޯޑެއް ފެންނަން ހުންނާނެއެވެ.
މި ބްލޫޕްރިންޓްގެ ސަބަބުން، ސިއްޙީ ޚިދުމަތްތެރިންނަށް ބަލިމީހާއަށް އެންމެ އެކަށޭނަ ގޮތުގައި ފަރުވާދިނުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ލިބުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެންދާނެކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ސިއްޙީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި ހެކިތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް ބޭނުންވާ އަދާހަމަ މަޢުލޫމާތު ފަސޭހައިން ލިބޭނެ ނިޒާމެއް ޤާއިމުވެގެންދާނެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލެވޭ މި ބްލޫޕްރިންޓް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، ސިއްޙަތާބެހޭ ވުޒާރާއިން މިހާރު ވަނީ ސިއްޙީ ޚިދުމަތްތެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ފަންނީ ތަޖުރިބާކާރުންނާއި، އަދި މިނޫންވެސް ކަމާ ގުޅުންހުރި އެކި ފަރާތްތަކުގެ ލަފަޔާއި އިރުޝާދު ހޯދުމަށްޓަކައި މަސައްކަތު ބައްދަލުވުންތައް ބާއްވާފައެވެ. އަދި މި ބްލޫޕްރިންޓްގެ މަސައްކަތްތައް ނިންމާލުމުގެ ކުރިން ޢާންމުންގެ ޚިޔާލު ހޯދުމަށްވެސް ނިންމާފައިވެއެވެ.
ނޭޝަނަލް ޑިޖިޓަލް ހެލްތު އާކިޓެކްޗަރ ބްލޫޕްރިންޓް އެކުލަވާލުމުގެ މަސައްކަތް ސިއްޙަތާބެހޭ ވުޒާރާއިން ކުރިއަށް ގެންދަވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާގުޅިގެންނެވެ.
މި މަސައްކަތް ނިމިގެންދާއިރު، ދުރާލާ ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުމުގެ މުުހިންމުކަން ޢާންމުންގެ މެދުގައި އަށަގެންނެވުމަކީ ދާއިމީ ބޮޑެތި ބަލިތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި ކުރެވޭނެ މުހިންމު މަސައްކަތެކެވެ. މިފަދަ ޘަޤާފަތެއް ކުރިއެރުވުމަކީ ސިއްޙީ ނިޒާމުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ސިއްޙީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މިހާރު ގިނަ ބަލިމީހުން އެމީހުންގެ މެޑިކަލް ޓެސްޓުތަކުގެ ނަތީޖާތަކާއި ޑޮކްޓަރުންގެ ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ނުބަލަހައްޓާކަން ފާހަގަކުރެވެއެވެ. މިކަމަކީ ބަލިމީހުންގެ ފަރުވާއަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ސިއްޙީ މާހިރުން ދެކެއެވެ. އެހެންކަމުން، މި އައު ޑިޖިޓަލް ނިޒާމަކީ މި މައްސަލައަށް ޙައްލެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
ސިއްޙަތާބެހޭ ވުޒާރާގެ އިސް ވެރިއެއް ވިދާޅުވި ގޮތުގައި، "މި ބްލޫޕްރިންޓަކީ ރާއްޖޭގެ ސިއްޙީ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ މުހިންމު ބައެކެވެ. މީގެ ސަބަބުން ބަލިމީހުންނަށް ލިބޭ ފަރުވާގެ ފެންވަރު މަތިވެ، ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ."
މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ ނިޒާމުގެ ސަބަބުން، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ސިއްޙީ މަޢުލޫމާތުތައް ފަސޭހައިން ބެލޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މީގެ އިތުރުން، ޑޮކްޓަރުންނަށް ބަލިމީހުންގެ ފުރިހަމަ މަޢުލޫމާތު ލިބި، އެންމެ އެކަށޭނަ ފަރުވާ ދިނުމަށް މަގުފަހިވެގެންދާނެއެވެ.
ސިއްޙަތާބެހޭ ވުޒާރާއިން ބުނާ ގޮތުގައި، މި ނިޒާމު ފުރިހަމައަށް ތަންފީޒުކުރުމަށް އަދި ވަގުތު ނަގާނެއެވެ. ނަމަވެސް، މި ބްލޫޕްރިންޓް އެކުލަވާލުމަކީ އެ މަސައްކަތުގެ ފުރަތަމަ މުހިންމު ފިޔަވަޅެވެ. ވުޒާރާއިން އުންމީދުކުރާ ގޮތުގައި، ކުރިއަށް އޮތް އަހަރުތަކުގައި މި ނިޒާމު ފުރިހަމައަށް ތަންފީޒުކުރެވި، ރާއްޖޭގެ ސިއްޙީ ދާއިރާއަށް އައު ހަރުފަތަކަށް އަރައިގަނެވޭނެއެވެ.

