ހެނދުނުގެ ވަތުގެވެ. މާލޭގެ މާރުކޭޓް ސަރަހައްދު އެހާ ހަލަބޮއްޔެއް ނޫނެވެ. އިރުގެ ހޫނު ކަން މަޑުމަޑުން އިޙްސާސް ވަމުން ދިޔައެވެ. އަހަރެން ހުރީ ލޯކަލް މާރުކޭޓް ކައިރީގައި އެވެ. ހުސް ފޮށިގަނޑުތަކެއް ހިފައިގެން ނެވެ. އެ ވިއްކުމަށެވެ. އަހަރެންގެ އެކުވެރިޔަކާއެކު ގައެވެ. އެއީ ދުވަހުގެ އިރު އެރުމާއި އެކު ހެން އަހަރެމެންގެ މަސައްކަތަކަށް ވެފައި އޮންނަ ކަމެކެވެ. ކޮންމެ ދުވަހެއްގެ ހެން އާދައެކެވެ. އަހަރެމެންގެ ބޭނުންތައް ފުއްދުމަށެވެ. އެކަމަށް ފައިސާ ހޯދުމަށެވެ.
ކުއްލިއަކަށް އަހަންނަށް އިވުނީ ކުޑަ ކުއްޖެއްގެ އަޑެވެ. “ބައްޕާ” އޭ ކިޔާ ގޮވާލި އަޑަށް އަހަންނާ ރަހުމަތް ތެރިއާ އަށް ވެސް ބަލާލެވުނީ ދާދި އެކު އެކީގައެވެ. އެއަޑު އައި ދިމާއަށެވެ. އެކުއްޖާ ހަމަ ފެނުމާއެކު އަހަންނަށް އެނގުނެވެ. އެއީ އަހަރެންގެ ޝައިހާ އެވެ. ހުރި ހަމަ އެކަނި ދަރިފުޅެވެ.
އަހަންނަށް ދުއްވައި ގަނެވުނެވެ. އެދަރިފުޅު ދުވެފައި އަންނަތަން ފެނުމުން ނެވެ. އެދަރިފުޅާ ދުރަށެވެ. އެ ކުއްޖާ އާއި ފިލުމަށެވެ. އަހަރެން ހުރި ގޮތުން އެގޮތަށް ހުރެ ދަރިފުޅާއި ބައްދަލު ކުރުމަށް އަހަންނަށް ނުކެރުމުންނެވެ. ލަދުގަތުމުންނެވެ. ދަރިފުޅާ މި ވީހާ ދުވަހު އަޅާ ލެވިފައި ނެތީމައެވެ. ދާވެ ހަސް ނެތިފައި ހުރި ބާ އަތް ދިގު ގަމީހަކާ އެކި ތަންތަނުން ވީދިފައި ހުރި ޖިންސެއް ލައިގެން އަހަރެން ހުރެވޫނީ ތީއެވެ. ބޮލާއި ތުބުޅި ނުބެލެހެއްޓި ހުރުމުން މީހާގެ ސިފަ ގެއްލިފައި ހުރީމައެވެ.
އަހަރެން އެކުވެރިޔާ ކައިރީ އެބަ އަންނަމޭ ބުނަފައި އަހަރެން ދިޔައީއެވެ. އޭނާ ގެ ޖަވާބަކަށް ވެސް އިންތިޒާރު ކުރުމެއް ނެތި އެވެ. އެހާ ވަގުތު ނެތީމައެވެ. އެކުވެރިޔާ ހައިރާންވެފައި ބަލަން ހުއްޓެވެ.
ޝައިހާ އާއި އަހަރެން އެންމެ ފަހުން ބައްދަލުވީ މީގެ ފަސްވަރަކަށް އަހަރު ކުރިންނެވެ. އޭރު އޭނާގެ އުމުރުން 06 އަހަރެވެ. އަހަންނަކީ އޭރުވެސް މަސްތުވާ ތަކެތީގެ އަޅެކެވެ. އެއަށް ދެވި ހިފާފައި ހުންނަ މީހެކެވެ. ޝައިހާ ގެ މަންމަ ޒައިނާ އާއި އަހަރެން އިނީ ލޯބިންނެވެ. ޒައިނާ ވެސް އަހަރެން ދެކެ ނުހަނު ލޯބިވާކަން ގައިމެވެ. އަހަރެމެން ބައްދަލުވީ މާލެއިންނެވެ. އެކުގައި ކިޔަވަން އުޅުނީ އެއް ކުލާހެއްގައެވެ. އެގުޅުން ސްކޫލް ނިމުމަށްފަހު ވެސް އޮތެވެ. މަޑުމަޑުން ލޯތްބަށް ބަދަލުވެ ކައިވެންޏަކަށް ދިއައީ ދެމީހުންވެސް ފޮނި ހުވަފެން ތަކެއް ދެކެމުންނެވެ. ދިރިއުޅުމަށް އުންމީދުތަކެއް ކުރަމުންނެވެ.
ޒައިނާ އަށް އޭރުވެސް ނޭންގެ އޮތް ކަމަކީ އަހަރެން ނަކީ މަސްތުވާ ތަކެތީގެ އަޅެއްކަމެވެ. އެކަން އެނގި ޒައިނާ އަހަންނާއި ދުރުވެދާނެތީ އަހަރެން ޖެހިލުން ވިއެވެ. އެހެންކަމުން އެކަން ޒައިނާ އަށް އެނގުނަކަ ނުދެމެވެ. ކައިވެނިކޮށް އަހަރެމެން އުޅެމުން ދިޔައީ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ.
މިގޮތުގައި ދުވަސްތައް ގުނަމުން ދަނިކޮށް ކައިވެނީގެ ކުރީކޮޅު އަހަރެމެންނަށް ދަރިއަކު ލިބުނެވެ. އެއީ ޝައިހާ އެވެ. ޝައިހާ ލިބުނު އިރުވެސް އަހަރެން ނަށް އެއް ވަޒީފާއެއްގައި ހަމަޖެހިލައިގެން ނޫޅެވެއެވެ. އަބަދުވެސް ކޮންމެވެސް މައްސަލައެއް ޖެހި އަހަރެން އޮންނަނީ ވަޒީފާއިން ކަނޑާލާފައެވެ.
އަހަރެންގެ ޖޮބް ގެއްލުނީ ޝައިހާ ޕްރީސްކޫލަށް ލާ އުމުރަށް ދިޔަ އަހަރު އެވެ. އެތައް ތަނަކުން ވަޒީފާ ހޯދުމަށް އަހަރެން މަސައްކަތް ކުރަމުން ދިޔައީމެވެ. އަހަންނަށް ވަޒީފާ ނުލިބި ދެތިން މަސް ފާއިތުވި އިރު އަތްމަތި ދަތިވާން ފެށިއެވެ. ޒައިނާ އަށް ލިބޭ އެއްޗަކުން އަހަރެންމެން ނަށް ދެކޮޅު ނުޖެހެން ފެށިއެވެ. އެހެން ކަމުން އަހަރެމެން ބަދަލުވީ ޒައިނާމެންގެ ރަށަށެވެ. ޒައިނާގެ އެދުމަށެވެ.
ޒައިނާ ގެ މަގްސަދަކަށް ވީ އަހަރެން މަސްތުގެ ވަބާއިން ސަލާމަތް ކުރުމެވެ. އެވާހަކަ ފަހުން ޒައިނާ އަހަރެން ކައިރީގައި ބުނިވެސް މެއެވެ.
ޒައިނާ ގެ ރަށަށް ގޮސް ފުރަތަމަ ކޮޅު އަހަރެން ގެ އުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައެވެ. ނަމަވެސް ރަށަށް ހޭނެމުން ދިޔަ ވަރަކަށް އަހަންނަށް ލިބެމުން ދިޔަ ރައްޓެހިން ގިނަ ވަމުން ދިޔައެވެ. އަހަންނަށް ލިބެމުން ދިޔަ ގިނަ ރައްޓެހިން ވީ ނަސީބު ދެރަކަމުން މަސްތުގެ އަހުލު ވެރިންނަށެވެ. އެހެންކަމުން މަޑުމަޑުން އަހަރެން އަނެއްކާވެސް އެ ދިމާއަށް ފެށިއެވެ.
މާގިނަ ދުވަހު ޒައިނާ އަށް އެކަން ސިއްރެއް ނުވިއެވެ. އަހަރެން އަލުން އަނެއްކާވެސް މަސްތުގެ ވަބާގެ ތެރެއަށް ދިޔަ ކަން ޒައިނާ އަށް އެނގުނީ އޭނާގެ ބައްޕަގެ ފަރާތުންނެވެ. ޒައިނާގެ މައިންބަފައިން އަހަރެން ކަހަލަ މަސްތުވާ ތަކެތި ބޭނުން ކުރާ މީހަކާ ޒައިނާ ގުޅިގެން އުޅެން ކަނޑައެޅިގެން ދެކޮޅު ހެދިއެވެ. އެމީހުންގެ ވާހަކަ އަކީ އަހަރެން ކަހަލަ މީހަކާ އެކު ކިތަންމެ ގިނަ ދުވަހެއް ހޭދަކުރި އަސް ރަގަނޅު ދިރިއުޅުމެއް ނުލިބޭނެއެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުފެންނާނެއެވެ.
އެމީހުންގެ މަޖުބޫރު ކުރުންތަކުގެ ސަބަބުން ޒައިނާ ވެސް އެންމެ ފަހުން ނިންމީ އަހަރެން ކައިރިން ވަރި ވުމަށެވެ. އެތައްފަހަރަކު ކޯޓަށް ސިޓީ ލައިގެން އެންމެ ފަހުން އަހަރެން ޒައިނާ ވަރި ކުރީއެވެ. އެކަމާ ވެސް އިތުރަށް އަހަރެން ބޯ ގޮވިއެވެ. އިތުރަށް މަސްތުގެ ތެރެއަށް ގެނބިގެން ދިޔުމަށް މަގު ފަހިވި ކަމަކަށް އެކަން ވިއެވެ.
އެހެނަސް މިއަދު އަހަރެން ހޭލަށްވާލައި ފިއެވެ. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އަހަރެން އެހެން ގޮތަކަށް ވިސްނަން މަޖުބޫރު ކޮށްފިއެވެ. އަހަރެން ގެ ލޮލުން ކަރުނަ ނިރާލިއެވެ. ގިސްލާ ރޯން އަހަރެން ބޭނުންވިއެވެ. އެހެނަސް އަހަރެން ހިތް ވަރު ކުރީމެވެ. ދެ ލޮލުން އައި ކަރުނަތައް ފުހެލަމުން މަޑުމަޑުން ބޯ ދިއްކޮށްލަމުން މަގަށް ބަލާލީމެވެ. އޭރު ދަރިފުޅު އޭނަގެ މަންމަ ގެ އަތުގައި ހިފައިގެން ހިނގައި ގަނެފިއެވެ. އެމީހުން ސައިކަލަކަށް އަރައިގެން ދަންދެން ފެންކަޅިވެފައި އަހަންނަށް ބަލަން ހުރެވުނެވެ.
އެއީ އެދުވަހެވެ. އެދުވަހަށް ފަހު އަހަރެންގެ ނަފްސު ހޭލައްވާލައިފިއެވެ. މަސްތުގެ ވަބާއިން ސަލާމަތް ވުމަށް އަހަރެން ބޭނުން ވެއްޖެއެވެ. މިކަމުން މިންޖުވުމަށް އަޒުމް ކަނޑަ އަޅައިފީމެވެ. މަސްތުން ސާފުވެފައިވާ މީހެއް ގެ ގޮތުގައި މުޖުތަމައު ބަލައިގަންނަ ކަމުގެ އުންމީދުގައި ހިތްވަރާއެކު އެކަމަށް ތައްޔާރު ވާން ފެށީމެވެ.
ދަރިފުޅާއެކު އުފަލުގައި އުޅެން ބޭނުން ވާތީއެވެ. އެ ދަރިފުޅުގެ އުންމީދުތައް ހާސިލް ކޮށްދެން ބޭނުންވިއެވެ. އެ ދަރިފުޅުގެ ބޭނުންތައް ފުއްދައިދޭން ބޭނުންވިއެވެ. އެ ދަރިފުޅަށް ގެއްލުނު ދުވަސްތައް އަނބުރައި ހޯދައި ނުދެވޭނެ ކަން އަހަންނަށް ވެސް އެނގެއެވެ. އަހަރެން މަސްތުގެ ވަބާއިން ސަލާމަތް ވުމަށް އަޒުމު ކަނޑައެޅި މައިގަނޑު ސަބަބަކީ ހަމަ ދަރިފުޅެވެ. ޝައިހާ އެވެ.
އަހަރެން އަމިއްލަ އަށް އެދިގެން ރިހެބަށް ދިޔައީމެވެ. އެތަނުން ފަރުވާ ފުރިހަމަ ކުރީމެވެ. މަސްތުން ސާފުވެފައިވާ މީހެއްގެ ގޮތުގައި އަހަރެން މުޖުތަމައު އަށް ނުކުތް ދުވަސް ވަރު ވީ ސަރުކާރުގެ ކުންފުނިތަކުން، މަސްތުގެ ވަބާއިން ސަލާމަތްވެ މުޖުތަމައު އަށް ނުކުންނަ ފަރާތްތަކަށް ވަޒީފާ ގެ ފުރުސަތު ފަހި ކޮށްދެމުން އައި ދުވަސްވަރަކަށެވެ. އެހެންކަމުން އަހަންނަށް ފަސޭހައިން ވަޒީފާގެ ފުރުސަތު ތަނަވަސް ވިއެވެ. ޒިންމާދާރު ވަޒީފާއެއްގައި ޒިންމާދާރު ކަމާއެކު ކުރިއަށް ދިއުމަށް މަގު ފަހިވެއެވެ.
ފުރަތަމަ ލިބުނު މުސާރަ އާއިއެކު، ގިފްޓެއް ގަނެ އެ ޕާރުސަލް ކޮށްލައިގެން އަހަރެން ދިޔައީ ދަރިފުޅާއި ބައްދަލު ކޮށްލުމަށެވެ. ދަރިފުޅު ސުކޫލުން ގެއަށް އަންނަ މަގުގެ އެއްފަރާތެއްގައި އަހަރެން މަޑުކޮށްލައިގެން ހުރީމެވެ. އަހަންނަށް ކުޑަ އިރުކޮޅަކު އިންތިޒާރު ކޮށްލަން ޖެހުނެވެ. އަހަރެންގެ ހިތުގެ ހިނގުން އަވަސް ވީ ޒައިނާ އާއެކު ޝައިހާ އަންނަތަން ފެނުމުންނެވެ. މަޑު ހިނގުމެއްގައި އަހަރެން ގޮސް ސަލާމް ގޮވާލީމެވެ. ޒައިނާ އާއި އެކު އެކީހެން ޝައިހާ ބަލާލިއެވެ. އަހަރެން ހިނިތުންވަމުން ގެނައި ޕާރުސަލް ޝައިހާ އަށް ދިއްކޮށްލީމެވެ. ޕާރުސަލް ގައި ހިފަމުން “ތޭކްސް ބައްޕީ” އޭ ބުނުމުން އަހަންނަށް ބަޔާން ނުކުރެވޭ ހާ އުފާ އިޙްސާސް ވިއެވެ. ސައިހާ ގައިގާ ބައްދާލެވުނެވެ. ލޯބިން ނެވެ. ފެންކަޅި ވެފައިވާ ހާލުގައެވެ.
ކުޑަ އިރުކޮޅަކު ޝައިހާ އާއި ވާހަކަ ދައްކާލަން އަހަރެން ހުރީމެވެ. އަހަރެންގެ ނަޒަރު އެންމެ ހިދުކޮޅަކަށް ވެސް ޝައިހާ އާއި ވަތްކެއް ނުވެއެވެ. އެ މައުސޫމު މޫނުން އަހަންނަށް ފެންނަން ހުރީ ބައްޕަ އެއްގެ ލޯބި ބޭނުން ވެފައި ހުރިލެއް ބޮޑު ކަމެވެ. ފަހުން އަންނާނަމޭ ބުނެފައި އަހަރެން ހިނގައި ގަތީމެވެ. އަހަރެންގެ ހަޔާތަށް އެދުވަސް ނައިނަމަ އަހަރެން އަބަދުވެސް ހުންނާނީ ޝައިހާގެ ކައިރީގައި ކަން ގައިމެވެ.
-ނިމުނީ-

