މަޝްހޫރު ކާޓޫން ކެރެކްޓަރ ޕޮޕާއި ކަމަކާ ދިމާވުމުން، ގައިގައި ވަރު ޖައްސައި ބާރު ޖެއްސުމަށް ގެންގުޅެނީ ސްޕިނަޗް ދަޅެކެވެ. ކާޓޫނުގައި ފެންނަނީ ސްޕިނަޗް ކެއުމުން ގައިގެ ވަރު ޖެހި ބާރުގަދަ ވާތަނެވެ. މިހިސާބުން މީޑިޔާގެ އެކިއެކި ދިމަދިމާލުގައި ސްޕިނަޗުގެ ވިޔަފާރި ފަތުއަޑު ކިޔާފައި ފެތުރިގެންދިޔައެވެ. ޕޮޕާއިގެ ސުޕަރ ބާރު ސްޕިނަޗް އާ ގުޅުވައިގެން، ކުޑަކުދިންނަށް ތަރުކާރީ ކެއުމަށް ހިތްވަރު ދިނުމާއި ފެހިފަތް ހާއްސަކޮށް ސްޕިނަޗު ކެއުމުގައި ބާރު އަޅާ މުޖުތަމައުގައި ޕޮޕާއި ކާޓޫނުވެސް ނުހަނު މަޝްހޫރުވެގެން ދިޔައެވެ. ޕޮޕާއި މަޝްހޫރުވެ، ސްޕިނަޗް އާންމުންގެ ވިސްނުމަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. 1930 ގެ އަހަރުތަކުގައި އެމެރިކާގައި ސްޕިނަޗް ވިއްކުން 33 އިންސައްތަ އިތުރުވިކަމަށް ރިޕޯޓު ކުރެވިފައިވެއެވެ.
ތަފާތު އެކި ވާހަކަތައް ފެތުރިފައިވީ ކަމުގައި ވިޔަސް ޕޮޕާއި ސްޕިނަޗްގެ ހަގީގަތް ކާޓޫނު ލިޔެ ތައްޔާރު ކުރި އީސީ ސީގަރ އަށްވެސް އޮތީ އެތައް އަހަރެއް ވަންދެން ވަންހަނާވެފައެވެ.
ޕޮޕާއި ސްޕިނަޗު ގެ ސިއްރު
1870 ވަނަ އަހަރު، ޖަރުމަނު ކެމިސްޓެއް ކަމުގައިވާ އެރިކް ވޮން ވޯލްފް ފެހި ތަރުކާރީގައި އެކުލެވޭ ދަގަނޑުގެ މިންވަރު ދިރާސާކުރެއްވިއެވެ.. އޭނާގެ ހޯދުންތައް ލިޔުއްވަމުން ދިޔައިރު، ކުށެއް ލިޔެވުނެވެ. އެއީ ޑެސިމަލް ޕޮއިންޓް ޖެހުމުގައި ހެދުނު ކުށެކެވެ. 100 ގްރާމްގެ ސްޕިނެޗްގައި 3.5 މިލިގްރާމް ދަގަނޑު އެކުލެވޭ ކަމަށް ލިޔުމުގެ ބަދަލުގައި، އޭގައި ލިޔެވުނީ 35 މިލިގްރާމް ދަގަނޑު އެކުލެވޭ ކަމަށެވެ – އެއީ އަސްލު މިންވަރަށްވުރެ 10 ގުނަ ގިނައިންނެވެ. އަދި އެ ހިސާބުން އީ.ސީ. ސީގަރ ޕޮޕޭގެ ސިއްރު ހަތިޔާރަކަށް ސްޕިނެޗް ހޮވި އެވެ. ހަމަމިއާއެކު ސްޕިނެޗް ބާރުގަދަކޮށްދޭ ބާވަތެއްގެ ގޮތުގައި މަޝްހޫރު ވެގެންދިއެވެ.

ޕޮޕާއި ސްޕިނަޗު ގެ ސިއްރު
އޭޣެ 70 އަހަރު ފަހުން ރަނގަޅު ކުރެވުނު ނަމަވެސް، ސްޕިނެޗްގެ މި ގަބޫލު ކުރުން ދެނެއް ބަދަލު ވާގޮތެއް ނުވިއެވެ. އެ ގަބޫލު ކުރުން މިއަދާ ހަމައަށްވެސް ދެމިގެން އައިސްފައިވެއެވެ.
ހަގީގަތުގައިވެސް ސްޕިނަޗް އަކީ ސިއްޙަތަށް ވަރަށް ފައިދާހުރި ތަރުކާރީއެއް ނަމަވެސް، ޕޮޕާއިގައި އެފެންނަ ވަރަށް ބާރުގަދަ ނޫނެވެ. ކޮންމެގޮތަކަށް ކަންތައް ވެފައި އޮތަސް އަދު ތަރައްގީވެފައި އޮތް މި ތަހުޒީބު ވަގުތުގައި ދޭހަވެ އެނގޭ ކަމަކީ މީޑިޔާގެ ނުފޫޒު ވަރުގަދަ ކަމެވެ. ކާޓޫނެއްގެ ސަބަބުން ސްޕިނަޗްގެ ވިއްކުން އިތުރުވެގެން ދިޔަ މިންވަރުން އެނގެނީ މީޑިއާ އަދި މުނިފޫހިފިލުވުމުގެ ވަސީލަތްތަކަށް އާންމުންގެ އާދަތަކަށް ބަދަލު ގެނައުމުގެ ބާރު ލިބިގެންވާކަމެވެ އަދި މައުލޫމާތު ހޯދުމާއި ތަރުކާރީ ފެހިފަަތް ފަދަ ތަކެތީގެ މުހިންމު ކަމެވެ. ކުރީގެ ޒަމާނުގައި ދަގަނޑުގެ މިންވަރާ ބެހޭ ގޮތުން އޮޅުމަކުން އުފެދުނު ގަބޫލުކުރުމެއް ދިގު މުއްދަތަކަށް ދެމިގެން ދިޔަ އިރު، ޢިލްމީ ހޯދުންތަކަށް ބުރަވެ، އަބަދުވެސް އައު މަޢުލޫމާތު ހޯދުމުގެ މުހިންމުކަން ވެސް ހާމަވެގެންދެއެވެ.
ޕޮޕޭ އާއި ސްޕިނަޗްގެ ގުޅުމަކީ ހަމައެކަނި ކުޑަކުދިންގެ މުނިފޫހިފިލުވުމަށް އޮތް ކަމެއް ނޫނެވެ. މިއީ ސިއްޙަތާއި ކާނާގެ މުހިންމުކަން ހާމަކޮށްދޭ، އަދި މީޑިއާގެ ބާރާއި ސަގާފީ ބަދަލުތަކުގެ މައްޗަށް ރަމްޒުކޮށްދޭ މުހިންމު މިސާލެކެވެ. މިއަދުވެސް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ މ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މިފަދަ ގޮތްތައް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، މިފަދަ މެސެޖުތައް ފޯރުކޮށްދިނުމުގައި ޢިލްމީ ހަޤީޤަތްތަކަށް ބުރަވެ، ސައްޙަ މަޢުލޫމާތު ފެތުރުމަށް ސަމާލު ވާން ޖެހެއެވެ.

