އާރު.އެސް.ޑަބްލިޔު ސިސްޓަމް (ލޮނުފެނުން މަސް ފިނިކުރާ ނިޒާމް) އެޅުމަށް ހުޅުވާފައިވާ ލޯނާ ގުޅޭ މަޢުލޫމާތު، ގއ. ގެމަނަފުށި އޮޑިވެރިންނަށް ދީފިއެވެ.
މި މައުލޫމާތު ފިޝަރީޒް މިނިސްޓްރީން ފޯރު ކޮށްދީފައިވަނީ މިހާރު އެ މިނިސްޓްރީން ހުވަދު އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުތަކުގައެވެ. އެގޮތުން މަސްވެރިންނަށާއި ކައުންސިލު މުވައްޒަފުންނަށް، ވެސް ވަނީ މައުލޫމާތު ދެއްވާފައެވެ.

ލޮނުފެނުން މަސް ފިނިކުރާ ނިޒާމް އެޅުމަށް ހުޅުވާފައިވާ ލޯނާއި ގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުން /ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
އެ މަޝްރޫޢުގެ ދަށުން 100 ވަރަކަށް ދޯނީގައި އާރު.އެސް.ޑަބްލިޔު ސިސްޓަމް އެޅުމަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
"އާރްއެސްޑަބްލިއު ސިސްޓަމާއި ޖަނަރޭޓަރާއި ސޯލަރ ގަތުމަށް ހޭދަކުރާ އަގުގެ %35 އޮޑިވެރިން އަބުރާ ދައްކާކަށް ނުޖޭހޭ." މިނިސްޓްރީ
އިސްލާމީ ޝަރީޢާ ހަމަތަކުގެ މަތިން ތަކެތި ގަތް އަގާއި އަގަށް ފައިދާގެ ގޮތުގައި ލާ މިންވަރު ކަނޑައަޅައިގެން ކުރިޔަށް ގެންދާ މި ލޯނު ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ލޮނުފެނުން މަސް ފިނިކުރާ ނިޒާމް އެޅުމަށް ހުޅުވާފައިވާ ލޯނާއި ގުޅޭ މަޢުލޫމާތު ދިނުން /ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
އަދި އާރު.އެސް.ޑަބްލިޔު ސިސްޓަމް (ލޮނުފެނުން މަސް ފިނިކުރާ ނިޒާމް) ފެސިލިޓީއަށް 6 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެ ކަމަށްވެސް ވަނީ ބުނެފައެެވެ.

