ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ތައުލީމީ ޒުވާނުންގެ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޭނުންވާކަމަށް ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއެއްޖެއެވެ.
އިއްޔެ ބޭއްވި ވިލާކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަސްވެނިވި ދަރިވަރުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މުޅި ރާއްޖެ އިންތިޒާރުކުރަނީ ފަންނީ އެކި ރޮނގުތަކުން ދަސްވެނިވާ ދަރިވަރުންގެ ތަނަވަސް ހިޔާލުތަކާއި، އެ ދަރިވަރުންގެ އުންމީދީ ތަސައްވުރުތަކަށްކަމަށެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ކުރިމަގު ބައްޓަންކުރުމުގައި މި ދުވަސްކޮޅަކީ މުހިންމު ދުވަސްކޮޅެއްކަމަށެވެ. ރާއްޖޭގެ ތަރައްގީގެ 20 އަހަރުގެ މާސްޓަ ޕްލޭން އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްކުރަން ފެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފައިވާކަމަށާއި، އެކަމަށް ތައުލީމީ ޒުވާނުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިކަމަކީ ހަމައެކަނި އުމްރާނީ ތަރައްގީ ހާސިލުކުރުމަށް ކުރެވޭ މަސައްކަތެއް ނޫން. މިކަން ވެގެންދާނީ ރާއްޖޭގެ އިޤްތިސާދު ބަރޯސާވެފައިވާ ބޮޑެތި ސިނައަތްތަކާއި އަދި އަލަށް ތައާރަފުކުރެވޭނެ ސިނާއަތްތައްވެސް ތަރައްޤީކުރުމުގައި ވަކި އަމާޒުތަކަކާއި ލަނޑުދަނޑިތަކެއް އޮވެގެން ޤައުމީ މަސައްކަތްތަކެއް ކުރުމަށް ރާވާލެވޭ ދިގުމުއްދަތުގެ މަގުޗާޓަކަށް” ވަޒީރު ޑރ. ޙައިދަރު
ގައުމެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ އިންސާނީ ވަސީލަތް ތަރައްޤީކުރުންކަމަށްވާއިރު، ފަންނީ އެކި ރޮނގުތަކުން ދަސްވެނިވާ ދަރިވަރުންނަކީ އެ ފިކުރީ ތަރައްޤީ ގެނައުމުގެ ބައިވެރިންކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

