ރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސާބިތުކަމާ އެކު ދައްކުވައިދެއްވާފައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައާއި އދ. ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ އިތުރުން، ޕްރިންސްޓަން ޔުނިވާސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއާޒްގައި ވާހަކަފުޅު ދެއްކެވި އެވެ. މީގެ އިތުރުން އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދެވި އެވެ.
ރައީސް ޑރ މުއިއްޒު ގެ މި ދަތުރުފުޅު ނިންމަވައި މިއަދު އެނބުރި ވަޑައިގަތުމާ ގުޅިގެން، ގާސިމް އިބްރާހިމް ވަނީ “އެކްސް” ގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ގާސިމް ވިދާޅުވެފައިވަނީ، ޖިއޮގްރަފީ ގޮތުން ކިތަންމެ ކުޑަ ނަމަވެސް، މީގެކުރިން ވެސް ރާއްޖޭގެ ބައެއް ވެރިން އދ. ގެ މަޖިލިސްތަކުގައި ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖެ ތަމްސީލު ކުރައްވައި، ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި މުޅި ދުނިޔެއަށް ދިމާވެފައިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން މުނާސަބު ގޮތެއްގައި އަޑުއުފުއްލަވާފައިވާ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވެފައިވަނީ، މީގެ 59 އަހަރު ކުރިން ދިވެހި ދިދަ އދ. ގެ އިދާރާގައި ވިހުރެން ފެށި ފަހުން، ރާއްޖޭގެ ވެރިޔަކު އދ. ގައި ގައުމު ތަމްސީލު ކޮށްދެއްވީ ނުހަނު ވިސްނުންތެރިކަމާ އެކު ވަރަށް ފުރިހަމަ އަދި މުނާސަބުކޮށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
“މި ލޮބުވެތި ގައުމަކީ ފަހުރުވެރި، ކެރޭ، ހަރުދަނާ، ދުރު ވިސްނޭ، އިލްމާއި ހުނަރު ލިބިފައިވާ، ތަރައްގީއަށް އުންމީދު ކުރާ ތަސައްވަރެއް އޮތް އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ބަސްބުނަން ކެރޭ ގައުމެއްކަން، ރައީސް ޑރ. މުއިއްޒު އެ ވަނީ ވަރަށް ސާބިތުކަމާ އެކު ދައްކުވައިދެއްވާފަ އެވެ،” ގާސިމް ވިދާޅުވި އެވެ.
ގާސިމް ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒުގެ ތަގުރީރުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ދުނިޔެ އާރާސްތު ކުރުމުގައި އިއާދަކުރަނިވި ހަކަތަ އިތުރު ކުރުމަށެވެ. އަދި އިޖުތިމާއީ އަދި އިގުތިސާދީ ގޮންޖެހުންތަކުގެ އިތުރުން މަސްނޫއީ އިންޓެލިޖެންސްގެ ތެރެއިން ޑިޖިޓަލައިޒްކުރުން ފަދަ މައުޟޫއުތަކަށް ކަމަށެވެ.
ގާސިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވަކިން ޚާއްޞަކޮށް ދިވެހި ގައުމުގެ ވިންދާ ގުޅިފައިވާ ފަލަސްތީނުގެ މައްސަލައިގައި ސިހްޔޫނީ ދައުލަތުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅު މުޅި އިސްލާމީ ދުނިޔެ އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގެންފައި ވަނީ ނުހަނު މަތީ ތަރުހީބަކާ އެކުގައެވެ.
“އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި، ރައީސް ދެއްވި ތަގުރީރު ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔަ އެވެ. ރާއްޖޭގެ ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކަށް، ޚާއްޞަކޮށް ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ލިބިވަޑައިގެން ނަމަވެސް އދ. ގައި ރާއްޖެ ތަމްސީލު ކޮށްލަން ކެރިވަޑައިނުގަތް ބޭފުޅަކަށް، ރައީސް މުއިއްޒުގެ ތަގުރީރު އޮޅުން ފިލާވަޑައިނުގަތް ނަމަވެސް، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޚީގައި އެމަނިކުފާނުގެ ތަގުރީރު އެ ވަނީ ހިމެނިފަ އެވެ،” ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ، އދ. ގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަގުރީރު ކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސްއަކީ ޑރ މުއިއްޒު ކަމަށް ތާރީޚުގައި ވަނީ ލިޔެވިފައި ކަމުގައެވެ.

