ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރު ވިއްކަމުން ދިޔަކަމަށް ތުހުމަތުކުރެވޭ ފަސް ބިދޭސީންގެ ތެރެއިން ދެމީހަކު ޑީޕޯޓްކޮށްލައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިކަން ހާމަކުރީ އިއްޔެއެވެ.
މި މައްސަލައާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހު އިމިގްރޭޝަނުން ވަނީ ޖުމްލަ 5 ބިދޭސީން ހައްޔަރުކޮށްފައެވެ. މި ރެއިޑަކީ ޓާސްކް ފޯސްއަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ރެއިޑެއްކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ހައްޔަރުކުރެވުނު ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ފފެނިފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު 5 މީހުންގެ ތެރެއިން 2 މީހަކު މިހާރު ވަނީ ޑީޕޯޓްކޮށްލާފައެވެ. އަދި ބާކީ ތިބި 3 މީހުންގެ ތަޙްޤީޤު މިހާރުވެސް ކުރިއަށްދާކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށާއި، މިފަދަ ޢަމަލުތައް ހުއްޓުވުމަށް އިމިގްރޭޝަނުން ޚާއްޞަ ސަމާލުކަމެއް ދޭކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތަކުގައި ބައިވެރިވާ ބިދޭސީންނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް އިމިގްރޭޝަނުން އިންޒާރުދީފައިވެއެވެ.

