ދ. ކުޑަހުވަދޫ ކައިރީގައި އޮއްވާ ރޯވި “ހަމްދު” ނަމަކަށް ކިޔާ ދޯނީގެ އަލިފާން ގަނޑު 8 ގަޑިއިރުގެ މަސައްކަތަކަށްފަހު މިއަދު ކޮންޓްރޯލް ކުރެވިއްޖެއެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު 6:30 ހާއިރުއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެފައިވެއެވެ. އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި، މި ދޯންޏަކީ ކަނޑިންމަ ރިސޯޓަށް ފެން އުފުލަމުންދިޔަ ދޯންޏެކެވެ. އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމުގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ ފަޔާ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 7:20 ހާއިރުއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ދ. ކުޑަހުވަދޫ ފަޔ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުންގެ އިތުރުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ވެސް ބައިވެރިވެފައިވެއެވެ. ނިލަންދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހާދިސާ ހިނގި ސަރަހައްދަށް ދިޔައީ މިއަދު ހެނދުނު 11 ޖަހާއިރުއެވެ.
އެމްއެންޑީއެފްއިން އިތުރަށް މައުލޫައުލޫމާތު ދެއްވާފައިވާ ގޮތުގައި، ދޯނީގައި ދަތުރުކުރަމުން ދިޔައީ 4 މީހުންނެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް، ދޯނި ވަރަށް ބޮޑަށް އަނދާފައިވާކަމަށް އެމްއެންޑީއެފްއިން ފާހަގަކުރެއްވިއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާނެކަމަށް ބެލެވެއެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެފައިވެއެވެ.

