މަސްވެރިން ކިރި މަހަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް މިއަދު ޖަމާވާނެ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މިއަދު ވިދާޅުވެއްޖެއެވެ.
މިފްކޯއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އޮގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުންޏަށް ކިރި މަހުގެ ޖުމްލަ އަގަކީ 17,350,903 ރުފިޔާއެވެ. މި ފައިސާ ސަރުކާރުގެ އެހީތެރިކަމާއެކު އެއްކޮށް އޮޑިވެރިންނަށް މިއަދު ޖަމާކުރެވޭނެ ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
މިފްކޯއިން ވަނީ ސަރުކާރުން އެ ކުންފުންޏަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
މަސްވެރިންނަށް ފައިސާ ދިނުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅޭގޮތުން މަޢުލޫމާތު ދެމުން، މިފްކޯއިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 1.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުރީގެ ސަރުކާރުން ނުދެވި ހުރި 250 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ހިމެނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެއް ވައުދަކީ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުން ކަމަށާއި، ވެރިކަމުގެ މި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވާފައިވާ ކަމަށް ވެސް މިފްކޯއިން ފާހަގަކުރެއްވިއެވެ.
މިފްކޯއިން އިތުރަށް ބުނީ، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭން ޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މިދިޔަ ޖުލައި މަހުން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގެއްގައި ކަމަށެވެ.

