"ހޫމް. މާމަގެ ބަދިގެއިން ރޯދަމަހުގެ ހަނދާން އައުކޮށްލަދޭ ވަސް، ހަފުތާގެ އާދީއްތަ ދުވަހުގެ ބިޒީ ހަވީރު؟"
ފިރިމީހާ ހަވީރުގެ ސަޔަށް ގެނެސްދިން ސާމާނު ތަށިތަށްޓަށް އަޅަން ފެށުމާއެކު ލޮލުން ފެން ނިރާލިއެވެ. ހަނދާންތައް އައުވެގެން ދިއުމާއެކު ކުޅު ދިޔާވީ އެއްފަހަރާއެވެ. އަަރައިގެން އައި ވަހުން ފުރުނީ ބަނޑަށްވުރެ ބޮޑަށް ހަނދާންތައް ވަޅުޖެހިފައިވާ ހިތުގެ ކަންކަނެވެ. ފިރިމީހާ އޭނާގެ މާމަގެ ގެއަށް ޒިޔާރަތެއް ކޮށްފައި އައިކަން ޔަގީންވިއެވެ. ކަށިކެޔޮ ކަންޖާއި ބޯކަށިކެޔޮ ގުޅަތަކާއެކު ވަޅޯމަސް ހުއްޓެވެ.
ހަވީރުގެ ސައި ގަޑީގައިވެސް ހަތަރުކަޅި ހަމަކޮށް ހިނިތުންވެނުލާ މައިދައިތަގެ ތުންފަތްމަތިންވެސް ހިނިތުންވުމެއް ފާޅުވިއެވެ. ޗުއްޓީއަށް މާލެއިން ބޭރަށް ނުގެންގޮސްގެން ތުން ދަމައިގެން އިން ފަނަރައަހަރުގެ އަންހެންދަރިފުޅުވެސް ތަށްޓަކާއި ސަމުސަލެއް ހިފައިގެން އައިސް އޭނާގެ ބައްޕަގެ ކޮނޑުގައި އެލިގަތީ ލޯބިވާ ވާހަކަ ބުނަމުންނެވެ. ގޭތެރޭގެ ބަދަލުވެގެން ދިޔަ ލޯތްބާއި ހަނދާންތަކުގެ ފޮނިކަން އެކުލެވޭ މާހައުލާމެދު އުފާކުރަމުން އެންމެން އެކީގައި "ކަށިކޭލުގެ މީރު ރަހަ ތަކަށް" އިންސާފު ކުރަން އިށީނީމެވެ.
ކަށިކޭލަކީ މިއަދު ގޭގޭގެ ސުފުރާމަތިން ފެނުން މަދުވެފައި ވީނަމަވެސް ދިވެހިރާއްޖޭގައި ވަރަށް އާންމުކޮށް ފެންނަމުން ދިޔަ މޭވާއެކެވެ. ހިތާމައަކީ މިހާރު މިއީ އެހާ ފަސޭހައިން ލިބެން ހުންނަ މޭވާއަކަށް ނުވާކަމެވެ. ކަށިކެޔޮ އެކި ގޮތްގޮތަށް ބޭނުންކުރެއެވެ. މީގެ މަދު ހިއްކައިގެން ކައި އުޅެއެވެ. ކަށިކޭލުގެ މަދުގައި ހުންނަނީ ކަނަމަދުގައި ހުންނަ ފަދަ ރަހައެކެވެ. ދިވެހިން މި މޭވާ ކައްކައިގެންނާއި ތާޒާކޮށް ބޭނުންކުރެއެވެ. އަދި ކަށިކެޔޮ އަޅައިގެން ދަޅު ތައްޔާރުކުރުމަކީވެސް ކުރާ ކަމެކެވެ.

ފޮޓޯ:މޫސާފަތުހީ……..އެފްބީޕޭޖް
ކަށިކޭލުގެ ޞިއްޙީ ފައިދާތައް:
ކަށިކޭލަކީ ޞިއްޙީ ގޮތުން ވަރަށް ފައިދާހުރި މޭވާއެކެވެ. މި މޭވާ ބޭނުންކުރުމުން ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށް ފަރުވާ ލިބި، ހަކުރު ބަލި ކޮންޓްރޯލްކުރުމަށް އެހީތެރިވެއެވެ. މީގެ އިތުރުން ކަށިވިދުރިއާއި ފާރުގަނޑު ފަސޭހަކޮށްދީ، ހުން ތިރިކޮށްދެއެވެ. އަދި ހަމުގެ މައްސަލަތަކަށް ފަރުވާކުރުމާއި ބަނޑު ފަސޭހަކުރުމަށްވެސް ކަށިކޭލު ބޭނުންކުރެވެއެވެ.
ކަށިކެޔޮ ގަހުގެ މުލާއި ފަތުގެ ފައިދާތައް:
ކަށިކެޔޮ ގަހުގެ މުލާއި ފަތުންވެސް ގިނަގުނަ ފައިދާތަކެއް ލިބެއެވެ. މި ބައިތަކުގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން މުސްކުޅިވުން ލަސްކޮށްދީ، ކެންސަރުން ރައްކާތެރިކޮށްދެއެވެ. އަދި ފުރަގަސްފަރާތު ބައްޔާއި، ހަޖަމު ނިޒާމާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރުމަށް އެހީތެރިވެއެވެ. މީގެ އިތުރުން އަރިދަފުސްރޯގާ އަދި ހެޕަޓައިޓިސްއަށް ފަރުވާކުރުމަށްވެސް ކަށިކެޔޮ ގަހުގެ މުލާއި ފަތް ބޭނުންކުރެވެއެވެ.

ފޮޓޯ:މޫސާފަތުހީ……..އެފްބީޕޭޖް
ކަށިކޭލުން އުފެއްދިދާނެ ކާއެއްޗެހި:
ކަށިކޭލަކީ ތަފާތު ކާއެއްޗެހި އުފެއްދުމަށް ބޭނުންކުރެވިދާނެ މޭވާއެކެވެ. މީގެ ތެރޭގައި ކަށިކެޔޮ ޖޫސް، ކަށިކެޔޮ ސަމްބޯސާ، ކަށިކެޔޮ ކަނދި، ކަށިކެޔޮ ސަލަޑު އަދި ކަށިކެޔޮ އަސާރަ ހިމެނެއެވެ. މިއީ ޒަމާނުއްސުރެ ރަށްރަށުގެ ބަދިގެތަކުގައި ތައްޔާރުކުރަމުން އައި ބާވަތްތަކެކެވެ. ސުފުރާތައް ފަޅުފިލުވި ބައިވެރިންތަކެކެވެ. މިހާރު ލިބެން ފަސޭހަ ނޫނަސް މިހާރުވެސް ކަށިކޭލުގެ ބާވަތްތައް މީރުކަމަށް ގަބޫލުކުރާ ކަށިކޭލުގެ އެކުވެރިން ދިވެހިންގެ ތެރޭގައި މަދެއް ނޫނެވެ.
ކަށިކޭލަކީ ކާބަފައިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި، ޞިއްޙަތަށް ވަރަށް ފައިދާހުރި މޭވާއެކެވެ. މި މޭވާގެ ބޭނުން އިތުރަށް ހިފުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ ޞިއްޙަތާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އަދި ހަމައެއާއެކު، ކަށިކެޔޮ ގަސް އާލާކޮށް ދިރުވުމަށް ސަމާލުކަން ދިނުމަކީވެސް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށްވެސް މި ފައިދާހުރި މޭވާގެ ބޭނުން ހިފުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

