މާލޭގެ ގެއެއްގައި ކުއްލިގޮތަކަށް ނިޔާވެފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ ހާޝިމް މުހައްމަދުގެ މަރުގެ މައްސަލައިގައި އާއިލާއިން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށި ޑީންސްވިލާ، ހާޝިމް މުހައްމަދު (44 އަހަރު) ނިޔާވެފައި އޮއްވާ ފެނުނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 2 ވަނަ ދުވަހު މާފަންނު ސަރަހައްދުގެ ގެއެއްގައެވެ. ހާޝިމްގެ މަރާ ގުޅިގެން އޭރުވެސް ޝައްކުތަކެއް އުފެދުނު ނަމަވެސް، ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު މައްސަލަ ފައިލްކޮށްފައެވެ. މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެސް ނުވެއެވެ.
ހާޝިމްގެ ހަށިގަނޑު ފެނުނުއިރު، އޭނާގެ ބޯ އޮތީ ފަޅައިގެން ގޮސްފައެވެ. މި މައްސަލަ އަލުން ސަމާލުކަމަށް އައީ ހާޝިމްގެ ވިޔަފާރިއާ ގުޅޭ ލިޔުންތައް ފޯޖުކޮށް، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލްޖަލީލް އިސްމާޢީލްގެ މައްޗަށް ބަދަލުކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތުކުރުމާ ގުޅިގެންނެވެ. މިހާރު އަބްދުލްޖަލީލްގެ މައްޗަށް ފޯޖަރީގެ މައްސަލައެއް ތަހުގީގުކުރަމުން ދެއެވެ.
ފުލުހުން މިއަދު ވިދާޅުވެފައިވަނީ ހާޝިމްގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޭނާގެ ފޯނު ގެނެސްފައިވާ ކަމަށާއި، ތަހުގީގަށް ބޭނުންވާ ތަހުލީލުތަކަށްފަހު ފޯނު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އިތުރު އެއްވެސް އިލެކްޓްރޯނިކް އާލާތެއް މި މައްސަލައިގެ ތަހުގީގަށް ގެނެސްފައިނުވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލައިގެ ތަހުގީގު ނިންމާފައި ވަނިކޮށް އާއިލާއިން ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާތީ، އެ ކަންބޮޑުވުންތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

