މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިދިޔަ އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި، އެ މުއްދަތުގައި ވަޒީފާ އަދާކުރި ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ދީފިއެވެ. މި މަޢުލޫމާތު ވަނީ އެމްއޭސީއެލް އިން ވަނީ ހިއްސާކޮށްފައެވެ.
އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮޔުގައި، ކުންފުނިން ދޭން ނިންމި ބޯނަސް ފައިސާ މިހާރު ވަނީ މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުވެސް އެމްއޭސީއެލުން މުވައްޒަފުންނަށް ދިން އަދަދާ އެއްވަރުގެ އަދަދެކެވެ.
އެމްއޭސީއެލްގައި 4000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާއިރު، މިއީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން މާލީގޮތުން އެންމެ ރަނގަޅު ހާލަތެއްގައި އޮތް ކުންފުންޏެވެ. އަދި ޑިވިޑެންޑްގެ ގޮތުގައި ދައުލަތުގެ ބައިތުލްމާލަށް އެންމެ ބޮޑު އަދަދެއް ދައްކާ ކުންފުނިވެސް މެއެވެ.
އަހަރީ ބޯނަހުގެ އިތުރުން، އެމްއޭސީއެލުން ކޮންމެ އަހަރަކުވެސް އިންސާނީ ވަސީލަތް ތަރައްޤީކުރުމަށާއި މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށް ބޮޑު ހޭދައެއް ކުރާކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރު އެމްއޭސީއެލްއަށް އާމްދަނީގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަން ވެސް ފާހަގަކުރެވެއެވެ.

