ކުރިއަށް އޮތް 3 އަހަރުތެރޭގައި ރާއްޖޭގައި ބޮޑުވެފައި އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ޝަމްޢާން މިހެން ވިދާޅުވީ އިއްޔެ ހުޅުމާލޭގައި ފެށުނު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަންއިން ކުރިއަށްގެންދާ އިންސްޕެކްޝަނާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
ޝަމްޢާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދެވޭ މަސައްކަތުން ވަރަށް ރަނގަޅު ނަތީޖާއެއް ފެންނަމުންދާކަމަށެވެ. އެގޮތުން މާލޭގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުން ޤަވާއިދުގެ ތެރެއަށް ވަނުމަށް ނޯޓިސްދިން މީހުންގެ 95 އިންސައްތަ މީހުން އިމިގްރޭޝަން އޮފީހަށް ހާޒިރުވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންގެ މުޅި ޓާގެޓަކީ މި 3 އަހަރު ތެރޭގައި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުން. މިހާރު ކުރެވެމުން ދަނީ އެ މަސައްކަތް،” ޝަމްޢާން ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި ކުރިއަށް ގެންދެވޭ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތްކުރައްވާކަން ފާހަގަކުރައްވަމުން ޝަމްޢާން ވިދާޅުވީ އަތޮޅުތަކަށް މި މަސައްކަތް ފުޅާކުރުމުގެ ޕްލޭންތައް ރޭވެމުންދާކަމަށެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ޤަވާއިދާ ހިލާފަށް އުޅޭޅޭ ބިދޭސީންނަށް އެއްބާރުލުން ނުދިނުމަށާއި އެފަދަ ފަރާތްތައް ކުންފުނިތަކުގެ ބެލުމުގެ ދަށުގައި ނުގެންގުޅުމަށް އިލްތިމާސްކުރައްވާފައެވެ.
ހުޅުމާލޭގެ 2 ފިޔަވައްސައް އަމާޒުކޮށްގެން އިމިގްރޭޝަންއިން ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދާއި ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަދު އަޝްފާނާއި އަދި އިމިގްރޭޝަންގެ 200 އަށް ވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވިއެވެ.
މީގެ އިތުރުން ދިވެހި ފުލުހުންގެ ޙިދުމަތް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓްގެ އޮފިޝަލުންވެސް މި މަސައްކަތުގައި ބައިވެރިވިއެވެ. މި މަސައްކަތް ހުޅުމާލޭގައި ކުރިއަށްގެންދަނީ 27 ޒޯނަކަށް ބަހާލައިގެންނެއެވެ.
މި އިންސްޕެކްޝްންގައި ބިދޭސީން މަސައްކަތް ކުރާ ފިހާރަތަކާއި ސެލޫންތަކުގެ އިތުރުން ގަރާޖްތައް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި މި މަސައްކަތުގެ ގާނޫނާއި ހިލާފަތް އުޅޭ ފަރާއްތަކަށް ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ވަނީ ފުރުސަތު ދީފައެވެ.
މި ހަރަކާތުގެ މަޤްޞަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ޤަވާއިދާއި ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުންކަމަށް އިމިޤްރޭޝަނުން ވިދާޅުވެއެވެ.
ރާއްޖޭގައި ބޮޑުވެފައި އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައި ވީނަމަވެސް މިކަމަށް އެދެވޭ ނަތީޖާއެއް ވަނީ ނުލިބިފައެވެ. އެހެންނަމަވެސް މި ސަރުކާރުން އަޅަން ފެށި ހަރުކަށި ފިޔަވަޅުތައް ފާހަގަކޮށް، އާއްމުންވެސް ދަނީ އިމިގްރޭޝަންގެ މަސައްކަތަށް ތައުރީފްކުރަމުންނެވެ.

