އާންމުކޮށް މުޖުތަމަޢުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، ގިނަފަހަރަށް އަޑުއިވެނީ އަންހެނުންނަށް ސަމާލުކަން ބޭނުންވާ ވާހަކައެވެ. އަދި ތައުރީފުގެ ބަސްތައް ނީވޭތީ ރުޅިއަންނަ ވާހަކައެވެ. ނަމަވެސް، މިއީ ހަމައެކަނި އަންހެނުންނަށް ހާއްސަ ކަމެއް ނޫނެވެ. ފިރިހެނުންވެސް އެމީހުންނަށް ސަމާލުކަން ދިނުމަށް ބޭނުންވެއެވެ. އަދި ތައުރީފުގެ ބަސްތައް އަޑުއެހުމަށް ޝައުގުވެރިވެއެވެ.
އަންހެނުންނެކޭ އެއްފަދައިން، ފިރިހެނުންނަށްވެސް ތަޢުރީފުކުރުމުން އުފަލާއި ހިތްހަމަޖެހުން ލިބެއެވެ. ހާއްސަކޮށް ލޯބިވާ މީހެއްގެ ފަރާތުން އިވޭ ތައުރީފުގެ ބަސްތަކަކީ ހިތަށް އުފާވެރިކަމާއި ހަމަޖެހުން ގެނުވައިދޭ ކަމެކެވެ. ނަމަވެސް، ފިރިހެނުން އަޑުއަހަން ބޭނުންވާ ތައުރީފުގެ ބަސްތައް އަންހެނުންނާ ތަފާތުވެދާނެއެވެ.
ފިރިހެނުންގެ އިހުސާސްތައް
ފިރިހެނުންނަކީވެސް އިހުސާސްތަކެއް ހުރި ބައެކެވެ. ނަމަވެސް، ގިނަފަހަރަށް އެމީހުންގެ އިހުސާސްތައް ފާޅުކުރަނީ އަންހެނުންނާ ތަފާތު ގޮތަކަށެވެ. މިސާލަކަށް، ފިރިހެނުން އެމީހުންގެ އުފާވެރިކަމާއި ހިތާމަ ފާޅުކުރަނީ އެހާ ބޮޑަށް ބަހުގެ ޒަރީޢާއިން ނޫނެވެ. ނަމަވެސް، މިއިން ނުދޭހަވަނީ އެމީހުންނަށް އިހުސާސްތަކެއް ނުވާކަމެއް ނޫނެވެ.
އިތުބާރުގެ މުހިންމުކަން
ފިރިހެނުންގެ ބައިވެރިޔާ އެންމެ ހިތްހަމަޖެހޭނީ އޭނާއަށް އިތުބާރުކުރާކަން އެންގުމުންނެވެ. އިތުބާރުކުރާކަން ބަހުންނާއި ޢަމަލުން ދެއްކުމުން އޭނާ ވަރަށް އުފާވާނެއެވެ. މިސާލަކަށް، "ތިޔަ ކަންތައް ކުރާނެ ގޮތާމެދު އަހަރެންނަށް ފުރިހަމައަށް އިތުބާރު އެބައޮތް" ފ ފަދަ ޖުމުލައެއް ބުނުމުން، އޭނާގެ އަގު ވަޒަންކުރެވޭކަން އިހުސާސްވާނެއެވެ.

ފިރިހެނުން އަޑުއަހަން ބޭނުންވާ ތައުރީފުގެ ބަސްތައް އަންހެނުންނާ ތަފާތުވެދާނެ…….ފޮޓޯ:ފްލަޔަރ
ތައުރީފުގެ ބަސްތަކުގެ ބާވަތްތައް
ފިރިހެނުން އަޑުއަހަން ބޭނުންވާ ތަޢުރީފުގެ ބަސްތައް އަންހެނުންނާ ތަފާތުވެދާނެއެވެ. ގިނަ ފިރިހެނުން ޝައުޤުވެރިވަނީ އެމީހުންގެ ހުނަރުތަކާއި، ކާމިޔާބީތަކާއި، ޒިންމާދާރުކަމާ ގުޅޭ ތަޢުރީފުގެ ބަސްތައް އަޑުއެހުމަށެވެ. މިސާލަކަށް، "ތިޔަ މަސައްކަތް ވަރަށް ފުރިހަމައަށް ކޮށްފި" ނުވަތަ "ތިޔަ ނިންމުން ނިންމީ ވަރަށް ވިސްނުންތެރިކަމާއެކު" ފަދަ ޖުމުލަތަކެވެ.
ސިފަތަކަށް ކުރާ ތައުރީފު
އަންހެނުންނާ އަޅާބަލާއިރު، ފިރިހެނުން ހަށިގަނޑު ރީތިކޮށް، ލޫޅާފަތިކޮށް ބެހެއްޓުމަށް އެހާ ބޮޑު އަހައްމިއްޔަތުކަމެއް ނުދީފާނެއެވެ. ނަމަވެސް ކޮންމެ ފިރިހެނަކުވެސް އޭނާގެ ބައިވެރިޔާގެ ސަމާލުކަން ބޭނުންވެއެވެ. އޭނާގެ ސިފައަކަށް ކުރާ ތަޢުރީފު އަޑުއަހަން ޝައުގުވެރި ވެއެވެ. މިސާލަކަށް، "މިއަދު ތިޔަ ހެދުން ވަރަށް ރީތި" ނުވަތަ "ތިޔަ ބޯ ކޮށާލާފައި ހުރިގޮތް ވަރަށް ރީތި" ފަދަ ޖުމުލަތަކެވެ.
އަމަލީ ގޮތުން ދައްކުވައިދިނުން
ފިރިހެނުންނަށް ތަޢުރީފުކުރުމުގައި ހަމައެކަނި ބަހުގެ ޒަރީޢާއިން ނޫން، އަމަލީ ގޮތުންވެސް ދެއްކިދާނެއެވެ. މިސާލަކަށް، އޭނާ ކުރާ މަސައްކަތަކަށް އެހީތެރިވެދިނުން، ނުވަތަ އޭނާ ކަމެއް ކުރާއިރު ސަމާލުކަމާއެކު ބަލަން ހުރުން ފަދަ ކަންކަމުން އޭނާއަށް އަހަމިއްޔަތުކަން ދޭކަން ދޭހަވާނެއެވެ.

ފިރިހެނުންނަށްވެސް ތަޢުރީފުކުރުމުން އުފަލާއި ހިތްހަމަޖެހުން ލިބެއެވެ…….ފޮޓޯ:ފްލަޔަރ
އާއިލީ ޒިންމާތަކުގައި ވަޒަންކުރުން
ގިނަ ފިރިހެނުން އާއިލާއަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއެވެ. މި މަސައްކަތްތައް ވަޒަންކޮށް، އެކަމަށް ޝުކުރުވެރިވުމަކީ އެމީހުންނަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމެކެވެ. މިސާލަކަށް، "އަހަރެމެންގެ އާއިލާއަށްޓަކައި ތިޔަ ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ފަދަ ޖުމުލައަކުން އޭނާގެ މަސައްކަތް ވަޒަންކުރެވޭކަން އެނގޭނެއެވެ.
އަމިއްލަ ވަގުތު ދިނުން
ފިރިހެނުންނަށްވެސް އަމިއްލަ ވަގުތު ބޭނުންވެއެވެ. އެމީހުންގެ ހޮބީތަކާއި ޝައުޤުވެރިވާ ކަންކަމުގައި އުޅުމަށް ފުރުސަތު ދިނުމަކީވެސް އެމީހުންނަށް ސަމާލުކަން ދޭކަން ދައްކުވައިދޭ ކަމެކެވެ. މިކަމުން އެމީހުންނަށް އިތުރު ހިތްވަރާއި ފޯރި ލިބި، އާއިލާއަށް އިތުރު އަޅާލުމެއް ދެވޭނެއެވެ.\
ގުޅުމުގެ މުހިންމުކަން
ފިރިހެނުންނަށް ތައުރީފުކޮށް، ސަމާލުކަން ދިނުމަކީ ދެމަފިރިންގެ ގުޅުން ބަދަހިކޮށް، އުފާވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިވާނެ ކަމެކެވެ. މިކަމުން ދެމަފިރިންގެ މެދުގައި އޮންނަ ލޯބި އިތުރުވެ، އެކަކު އަނެކަކަށް އިތުރަށް އިހްތިރާމްކުރާނެއެވެ.
ފިރިހެނުންނަކީވެސް އިހުސާސްތަކެއް ހުންނަ، ތައުރީފާއި ސަމާލުކަން ބޭނުންވާ ބައެކެވެ. އެހެންކަމުން، ފިރިހެނުންނަށްވެސް ތައުރީފުކޮށް، އެމީހުންގެ ރަނގަޅު ސިފަތަކަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. މިކަމުން ދެމަފިރިންގެ ގުޅުން ބަދަހިވެ، އުފާވެރި ދިރިއުޅުމެއް އުޅެވޭނެއެވެ. އަދި މުޅި އާއިލާގެ ދުޅަހެޔޮކަމަށްވެސް މިކަމުގެ ހެޔޮ އަސަރުކުރާނެއެވެ. އެހެންކަމުން، ފިރިހެނުންނަށްވެސް ތައުރީފުކޮށް، ސަމާލުކަން ދިނުމަކީ ކޮންމެ އަންހެނަކުވެސް ސަމާލުކަން ދޭންވީ ކަމެކެވެ.

