ރާއްޖޭގެ އެކި ހިސާބަށް މިއަދު ވެސް ވިއްސާރަކުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ބުނެފިއެވެ.
މިއަދު ހަވީރު 18:00 އާ ހަމައަށް މޫސުން ލަފާކުރާ ގޮތް ހާމަކޮށް، މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުން އެކަށީގެންވާއިރު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5-15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ލަފާކުރާގޮތުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 2-5 ފޫޓާ ދެމެދުއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގައި އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ ކ.ދިށްފުށްޓަށެވެ. އެ ރަށަށް 43.9 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ކ.ކާށިދޫއާއި ކ.މާލެއާއި ކ.ގާފަރަށެވެ.

