މަސްތުވާތަކެއްޗާއެކު ގއ.ވިލިނގިލިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި ތިން މީހުން ހައްޔަރުކުރީ ވިލިނިގިލީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ފުލުހުންގެ ނާކޮޓިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ވިލިނގިލީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން މިއަދު ވަނީ މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ.ވިލިނގިލި، އެތެންސް، މުހައްމަދު އަތޫފް ހަބީބް (24އ) އާއި ގއ.ވިލިނގިލި، ޒޫމް، މުހައްމަދު ތަޤިއްޔު (25އ) އާއި ގދ.ގައްދޫ،ވިލަސް، މުޙައްމަދު ޒަހުވާން (23އ) އެވެ.
ފުލުހުން ބުނީ އެތަނުން އެކަކު ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓާއި، ހަތަރު ރަބަރުކޮޅާއި، ސެލޯފިންކޮޅެއްގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަމެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އަތޫފް ހަބީބް 15 ދުވަހަށް އަދި އަނެއް ދެ މީހުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

