މިއަދާ ހަމައަށް، މ.ކޮޅުފުށީގައި އިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓުގެ 78 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިން ބުނެފިއެވެ.
އާރްސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މި މަޝްރޫއުގެ މުއްދަތަކީ އެއް އަހަރެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތްތައް ލަސްވެގެންދިޔައީއެވެ.
މަޝްރޫއުގެ މަސައްކަތްތައް ފުރަތަމަ ފަށާފައިވަނީ 2019 ގައެވެ. އެ ފަހަރު އަމަލީ މަސައްކަތް ފެށި ނަމަވެސް ކޮވިޑާ ގުޅިގެން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ.
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުން އަންނަ ނޮވެމްބަރުމަހު މި މަޝްރޫއުގެ މަސައްކަތްތައް ނިންމައިލެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ ވަކި ގޭގެ ގޮތުގައި 100 ހައުސިން ޔުނިޓެވެ. ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ.

